އިނގިރޭސި ވިލާތުގެ ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމް ފުޓުބޯޅަ ކުޅުން ހުއްޓާލިތާ އަހަރުތަކެއް ވެއްޖެއެވެ. ފްރީކިކް ސްޕެޝަލިސްޓެއްގެ ގޮތުގައި އޭރު މަޝްހޫރުވި ޑޭވިޑް ބެކަމްއަށް މިހާރު ބޮޑު ސަމާލުކަމެއް ލިބިގެންދަނީ އަންހެން ކަނބަލުންގެ ފަރާތުންނެވެ.

އުމުރުން 45 އަހަރުގެ ބެކަމްއަށް ގިނަ ކަނބަލުންތަކެއްގެ ކަޅި ހުއްޓިފައިވަނީ އޭނާއަށް ލިބިފައިވާ ރީތި ސިފަ އާއި ރީތި އިސްތަށިގަނޑުގެ އިތުރުން އެ އުމުރުގައި ވެސް ހަށިގަނޑުގެ ރީތިކަން ދެމެހެއްޓުމަށް އޭނާ ކުރާ ބުރަ މަސައްކަތުގެ ނަތީޖާ ފެންނަން ހުންނާތީއެވެ.

އާންމު ދިރިއުޅުމުގައި މަޑުމައިތިރި ސާދާ މިޒާޖެއް ހުއްޓަސް ބެކަމްއަކީ ދަނޑުމަތީގައި ރުޅިގަދަ ވާދަވެރި ކުޅުންތެރިއެކެވެ. މެޗު ތެރޭގައި ގިނަ އަރާރުންތެކެއްގައި ބައިވެރިވެ އެތައް ކާޑުތަކެއް ވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. ބެކަމްގެ ފްރީކިކް ޖެހުމުގެ ހުނަރާއި ރީތިކަމުގެ އިތުރުން ބެކަމްގެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ލިސްޓުގައި އެފަދަ ކުޅުންތެރިއެއްގެ ފަރާތުން ސަޕޯޓަރުން ފެންނަން ބޭނުންނުވާ ބައެއް ކަންކަން އެބަހުއްޓެވެ.

އެގޮތުން އޭނާއަކީ ފުޓުބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ބެލެވިފައިވާ އިނގިރޭސި ވިލާތުގެ ފުޓުބޯޅަ ޓީމުގެ ކެޕްޓަނުންގެ ތެރެއިން އެންމެ ފުރަތަމަ ރަތް ކާޑެއް ދައްކާ ދަނޑުން ބޭރުކޮށްލި ކެޕްޓަނެވެ. މީގެ އިތުރުން އޭނާއަކީ ކެރިއަރުގައި ދެ ރަތްކާޑު ހޯދި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާއެވެ.

ބެކަމްއަށް ދެއްކި ދެ ރަތް ކާޑުގެ ތެރެއިން އެންމެ ބޮޑު ފައުލަކަށް ރަތްކާޑު ދެއްކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ޑިއެގޯ ސިމިއޯން ބެކަމްއަށް ފައުލް ކުރުމުން ރުޅިގަދަވެގެން ބަދަލުގައި އޭނާގެ ފައިގައި އަޅުވާލާ ވައްޓާލުމާއި ގުޅިގެންނެވެ.

ކާމިޔާބު ކެރިއަރަކަށްފަހު ބެކަމް ފުޓުބޯޅަ ކުޅުން ހުއްޓާލި އިރު 2000 ވަނަ އަހަރާއި 2013 ވަނަ އަހަރާއި ދެމެދު އޭނާވަނީ 420 ވާދަވެރި މެޗުތަކެއް އެކި ޓީމުތަކަށް ކުޅެދީފައެވެ. އަދި ނިސްބަތުން ބަލާނަމަ މިމެޗުތަކުން ކޮންމެ 60 މެޗަކުން އެއް މެޗުގައި އޭނާވަނީ ރަތް ކާޑެއް ހޯދާފައެވެ. ބެކަމްއަކީ މިހާރު އެމެރިކާގެ މޭޖަރ ލީގް ސޮކާގައި ކުޅޭ މަޔާމީގެ ރައީސްވެސް މެއެވެ.