ކުރީގެ އިނގިރޭސި ކެޕްޓަން ޑޭވިޑް ބެކަމްގެ ދަރިފުޅު، ރޯމިއޯ ބެކަމް އޭނާގެ ބައްޕަ، އެމެރިކާ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްސް) ގައި ހިންގަމުން އަންނަ ކްލަބް، އިންޓަ މިއާމީ އިން ވަކިވެއްޖެއެވެެ.

އިންޓަ މިއާމީއަށް ކުޅެމުންދިޔަ ރޯމިއޯ ވަނީ އެ ޓީމްގައި ހުރެ، މި އަހަރުގެ ކުރީކޮޅުގައި 6 މަސް ދުވަހަށް ދިގުދެމިގެންދާ ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ކްލަބް ބްރެންޓްފޯޑާ ގުޅިފައިއެވެ. މިހާރު އޭނާ ވަނީ ބްރެންޓްފޯޑްގައި ދާއިމީވާން ނިންމާފައިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 20 އަހަރުގެ ރޯމިއޯ އޭރު މި ނިންމުން ނިންމާފައިވަނީ އޭނާގެ ލޯބިވެރިޔާ ކަމުގައިވާ އިނގިރޭސި މޮޑެލް މިއާ ރީގަންއާއި އާއިއެކު ކޮންމެވެސް ވަރަކަށް މައްސަލަ ޖެހި ދެމީހުންގެ ގުޅުމަށް ދުރުކަމެއް އައުމުންނެވެ.

ނަމަވެސް އޭނާގެ މިފަހަރުގެ ނިންމުމަކީ މިއާއާއި ދުރުގައި އުޅެން ބޭނުން ނުވާތީ ނިންމި ނިންމުމެއްގެ ގޮތުގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެއީ ރޯމިއޯއާއި މިއާއަށް ދެ ތަނެއްގައި 'ލޯންގް ޑިސްޓެންސް ރިލޭޝަންޝިޕް'ގައި އުޅެން އުނދަގޫ ވާތީ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއާ ދިރިއުޅެނީ އިނގިރޭސިވިލާތުގައިއެވެ. އެހެންކަމުން، އިންޓަ މިއާމީގައި ރޯމިއޯ ހޭދަކުރި ދުވަސްކޮޅު މި ދެމީހުންގެ މެދުގައި މައްސަލަ ޖެހޭ ވަރު ބޮޑުވުމުން، އެ ގުޅުމަށް އެކަމުގެ އަސަރު ކުރިއެވެ. އެހެން ނަމަވެސް، ރޯމިއޯ ބްރެންޓްފޯޑަށް ލޯން އެއްބަސްވުމެއްގައި ބަދަލުވުމުން، އެ ދެމީހުންގެ ގުޅުން އަލުން ބަދަހިވިއެވެ.

ރޯމިއޯ މިއާއާއި ލޯބީގެ ގޮތުން ގުޅުނީ 2019 ވަނަ އަހަރުގައިއެވެ. އޭނާ އިންޓަ މިއާމީއާއި ނުވަތަ އޭރުގެ ނަމުން ނަމަ، ފޯޓް ލޯޑަރޑޭލްއާއި ގުޅުނީ 2021 ވަނަ އަހަރުގައިއެވެ.