އެމެރިކާ ލީގްސް ކަޕްގެ ކުއާޓާ ފައިނަލްގައި ޝާލޮޓް ބަލިކޮށް އިންޓަ މިއާމީން ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ކުއާޓަރ ގައި މިއާމީން ޝާލޮޓްގެ މައްޗަށް ކުރި ހޯދީ 4-0 އިންނެވެ. މެޗުގައި މިއާމީން ފުރަތަމަ ދެ ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ

ފުރަތަމަ ހާފުގައި ދެ ލަނޑު ފެނިގެން ދިޔަ މިމެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ފަރާތުން މޮޅު ކުޅުމެށް ފެނިގެން ދިޔައިރު, މިހާ ތަނަށް މިއާމީއަށް މެސީ ކުޅެދިން ފަސް މެޗުގައިވެސް ވަނީ ލަނޑު ޖަހާދީފައެވެ. މިއީ މި ލީގުގައި ރެކޯޑެކެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި މިއާމީ އަށް ލީޑު ނަގައިދިނީ ޖޯސެފް މާޓިނޭޒް އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި މިއާމީ އަށް ލީޑު ފުޅާ ކޮށްދިނީ ރޮބާޓް ޓޭލާ އެވެ.

މިއާމީގެ ތިން ވަނަ ލަނޑަކީ ޝާލޮޓްގެ އެޑިލްސަން މަލަންޑާ އަތުން މެޗުގެ 78 ވަނަ މިނެޓުގައި ބައި ކޮޅަށް ވަތް ލަނޑެކެވެ. މިއާމީގެ ހަތަރު ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށް ޖަހައިދިނީ ކެޕްޓަން މެސީއެވެ.

ރެކޯޑު އަގެއްގައި ފުރާންސްގެ ޕީއެސްޖީއިން މިއާމީއަށް ބަދަލުވި މެސީ އަންނަނީ އެކުލަބަށް އެދެވޭ ބަދަލުތަކެއް ގެނައުމަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. މޭޖާ ލީގު ސޮކާ ލީގުގެ 15 ވަނައިގައި މިއާމީ އޮތް ނަމަވެސް, މެސީގެ އުންމީދަކީ ޓީމު ލީގު ތާވަލުގެ ކުރިއަށް ގެންދިޔުމެވެ.

ލީގްސް ކަޕްގެ ސެމީ ފައިނަލްގައި މިއާމީ ނިކުންނާނީ ފިލަޑެލްފިއާ އާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ.