އެމެރިކާ ލީގްސް ކަޕްގެ ގަދަ 16 ބުރުގައި އެފްސީ ޑަލަސް ބަލިކޮށް އިންޓަ މިއާމީން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗު އިންޓަ މިއާމީ އިން ކާމިޔާބުކުރީ 4-4 ގެ ނަތީޖާއިން އެއްވަރުވެގެން ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ވެސް މިއާމީއިންނެވެ. މި ލަނޑު މެޗު ފެށިގެން ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ ޖޯޑީ އަލްބާ ދިން ޕާހަކުން އޭރިއާގެ ބޭރުން ތިރީ ކަނަށް ފޮނުވާލައިގެން މެސީ ކާމިޔާބުކޮށްދިން ގޯލެކެވެ. އަދި މިއީ މިސީޒަނުގައި އެޓީމާއި ގުޅުނު މެސީ މި މުބާރާތުގައި އެޓީމަށް ކުޅެދިން ހަތަރު މެޗުގައި ކާމިޔާބުކުރި ހަވަނަ ލަނޑެވެ.

މި މެޗުގައި ޑަލަސް އިން ނަތީޖާ ހަމަހަމަކުރީ 37 ވަނަ މިނެޓުގައެވެ. މިއީ ފަކުންޑޯ ކުއިނަން ކާމިޔާބުކޮށްދިން ގޯލެކެވެ. މި މެޗުގައި ފުރަތަމަ ފަހަރަށް ޑަލަސް އިން ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޓެންޒޭނިއާގެ ފޯވާޑް ބެރަނާޑް ކަމުންގޯ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އެފްސީ ޑަލަސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޑަލަސް އިން ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި ޑަލެސް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހުހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް އެލަން ވެލާސްކޯ އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން އިންޓަ މިއާމީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ފަރަގު ކުޑަކޮއްފައެވެ. އޭގެ ތިން މިނެޓު ފަހުން މިއާމީގެ ރޮބާޓް ޓޭލާ އަތުން ބައި ކޮޅަށް ވަތް ލަނޑާއެކު، ޑާލާސް އަށް ދެ ލަނޑުގެ ލީޑެއް އަނެއްކާ ވެސް ލިބުނެވެ. މެޗުގެ 80 ވަނަ މިނެޓުގައި މިއާމީ އަށް ފަރަގު އެއް ލަނޑަށް ކުޑަވީ ޑާލާސްގެ މާކޯ ފާފަން އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

އޭގެ ފަސް މިނެޓު ފަހުން އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެސީ އެވެ. މިއީ މެސީ މިއާމީއަށް ކާމިޔާބުކޮށްދިން 7 ވަނަ ލަނޑެވެ. މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 4-4 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ނަތީއްޖާނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އިންޓަ މިއާމީ ކުރި ހޯދީ 4-5 ގެ ނަތީޖާއަކުންނެވެ.