ދުނިޔޭގެ ޓެނިހުގެ މައި އިދާރާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) ގެ "ކްލާސް ބީ" މެންބަރުކަން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ލިބިއްޖެއެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް "ކްލާސް ބީ" މެންބަރުކަން ލިބިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވުނު އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުގެ އަހަރީ އާންމު ޖަލްސާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 148 ގައުމުގެ ބޮޑު ތާއީދާއެކުއެވެ.

އެގޮތުން "ކްލާސް ސީ" މެންބަރަކުން "ކްލާސް ބީ" މެންބަރަކަށް އަޕްގްރޭޑް ކުރުމަށް ފެނޭތޯ ނެގުނު ވޯޓުގެ 82 އިންސައްތަ ވޯޓު ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނަށް ވަނީ ލިބިފައެވެ. އެހެންކަމުން ކައުންސިލު ތިންބައިކުޅަ ދެ ބައިގެ ވޯޓުލިބުމާއެކު އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނުގެ މެންބަރުކަމުގެ ދަރަޖަ "ކްލާސް ބީ" އަށް ބަދަލުވެގެންދާނެއެވެ.

"ކްލާސް ބީ" މެންބަރެއްގެ ގޮތުގައި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަން ހަމަޖެއްސިއިރު، އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުގެ "ކްލާސް ބީ" މެންބަރު ގައުމުތަކަށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ގަރާރު ހުށަހެޅުމާއި، އަހަރީ އާންމު ޖަލްސާގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވެއެވެ. އަދި އިންޓަނެޝަނަލް ޓެނިސް ފެޑެރޭޝަނުގެ އިތުރުން ސަރަޙައްދީ ޓެނިހުގެ ޖަމުޢިއްޔާގެ ކޮމިޓީތަކާއި ކޮމިޝަންތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދެއެވެ.

ޓެނިސް އެސޯސިއޭޝަނުން ބުނީ ރާއްޖޭގެ ދަރަޖަ މަތިވުމާއެކު ޓެނިސް ކޯޓުތައް ރާއްޖޭގެ ކަންކޮޅުތަކުގައި ތަރައްގީކުރުމަށް އެ އެސޯސިއޭޝަނުން ކުރާ މަސައްކަތަށް މަލީ އަދި ފަންނީ އެހީ އިތުރަށް ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުޅުންތެރިންނާއި އޮފިޝަލުންގެ ފެންވަރު މަތިކުރުމަށް އިތުރަށް އެހީ ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަކްރަމް

    ތިއެހީތައް ވެސް ވަންނާނީ ތިކަމުގަ އުޅޭ ބޮޑުންގެ ޖީބައް. ޓެނިހަކީ މާލޭ ބޮޑުންނާއި އެމީހުންގެ ދަރިންނަށް ޚާއްސަ ކުޅިވަރެއް.