އަމްސާ ޖަމިއްޔާގެ 14 ވަނަ އަހަރީދުވަހާއި ގުޅުވައިގެން ބޭއްވި އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގެ ފިރިހެން ވޮލީ އަދި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރޯޔަލް ނައިޓްސް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.
ލީގު އުސޫލުން ކުޅުނު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރޯޔަލް ނައިޓްސް ސްޕޯޓްސް ކަލްބް ހޯދީ މާރންސް އާއި ޕޮއިންޓް ގޮތުން އެއްވަރުވެ ފައިދާ ގޯލުގެ ތަފާތުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރޯޔަލް ނައިޓްސް ސްޕޯޓްސް ކަލްބުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ނަމަވެސް މާރންސް އިން ވަނީ ލަނޑަށް ފަހު ކުޅުން ވަރުގަދަކޮށް 2 ވަނަ ހާފުގައި ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޯޔަލް ނައިޓްސް ސްޕޯޓްސް ކުލަބުގެ ޒިޔާހް މުހައްމަދެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ -- ފޮޓޯ: އާރްކޭ އެސްސީ
މީގެއިތުރުން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ރޯޔަލް ނައިޓްސް ސްޕޯޓްސް ކްލަބުން ހޯދީ މި މުބާރާތުގައި ބައިވެރިވީ ދެ ޓީމްގެ މެދުގައި ދެ ފައިނަލް ކުޅެ ކުރި ހޯދައިގެނެވެ. 2 މެޗުވެސް ހަސްލާސް ވީޓީއާއި ބައްދަލުކޮށް ސީދާ 3 ސެޓުން ކާމިޔާބު ކުރީ ރޯޔަލް ނައިޓްސް ސްޕޯޓްސް ކަލްބުންނެވެ. ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޯޔަލް ނައިޓްސް ސްޕޯޓްސް ކަލްބްގެ ޖާޒީ ނަންބަރު 10 މުހައްމަދު ޒާހިރެވެ. ދެވަނަ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޯޔަލް ނައިޓްސް ސްޕޯޓްސް ކުލަބުގެ ޖާރސީ ނަންބަރު 8 އަހުމަދު ޝަހުބާދެވެ.
ރޯޔަލް ނައިޓްސް އެސްސީގެ ވޮލީ ޓީމް -- ފޮޓޯ: އާރްކޭ އެސްސީ
އަމްސާ ޖަމިއްޔާގެ 14 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވާ އަމްސާ އަހަރީ ކުޅިވަރު ފެސްޓިވަލް 2020 ގައި ރޯޔަލް ނައިޓްސް ސްޕޯޓްސް ކަލްބްގެ 5 ޓީމެއް ވާދަކުރެއެވެ. އެއީ ފިރިހެން ވޮލީ އަދި ފުޓްސަލްގެ އިތުރުން އަންހެން ވޮލީ، ނެޓް ބޯލް އަދި ހޭންޑް ބޯލް ޓީމެކެވެ.