ފްރާންސްގެ ގައުމީ ޓީމަށް ޒައިނުއްދީން ޒިދާން ކާމިޔާބުކޮށްދީފައިވާ ގޯލުގެ ރެކޯޑާއި އޮލިވިއޫ ޖިރޫ އަރާ ހަމަކޮށްފިއެވެ.

ޗެލްސީ އަށް ކުޅެމުން އަންނަ ޖިރޫ މި ރެކޯޑާއި އަރާ ހަމަކުރީ އެކުވެރިކަމުގެ މެޗެއްގައި ރޭ ފްރާންސް އިން އަޔަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ގޯލާއެކުއެވެ. އެ މެޗުން ފްރާންސް މޮޅުވީ 0-2 އިންނެވެ. ފްރާންސްގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ނަބީލް ފެކީރްއެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ގޯލާއެކު ފްރާންސްގެ ގައުމީ ޓީމަށް ޖިރޫ ކާމިޔާބުކޮށްދިން ގޯލުގެ އަދަދު މިހާރު ވަނީ 31 އަށް އަރާފައެވެ. ޖިރޫ މިހާތަނަށް ވަނީ ފްރާންސްގެ ގައުމީ ޓީމަށް 72 މެޗު ކުޅެދީފައެވެ.

ޒިދާންގެ ގޯލުގެ ރެކޯޑާއި ޖިރޫ އަރާ ހަމަކުރިއިރު އޭނާ އަކީ މިހާރު ފްރާންސްގެ ގައުމީ ޓީމަށް ހަތަރުވަނަ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ.

ފްރާންސްގެ ގައުމީ ޓީމަށް ތިންވަނަ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިނީ ޑޭވިޑް ޓްރެޒެގޭއެވެ. އޭނާ ވަނީ އެޓީމަށް 34 ގޯލު ކާމިޔާބުކޮށްދީފައެވެ. 41 ގޯލާއެކު ލިސްޓުގެ ދެވަނަ މިޝޭލް ޕްލެޓިނީ އަށް ލިބޭއިރު ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ ތިއެރީ އޮންރީއެވެ. އޭނާ ވަނީ އެޓީމަށް ކުޅެދިން 123 މެޗުން 51 ގޯލު ކާމިޔާބުކޮށްފައެވެ.

އަންނަ މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް ނެގި ފްރާންސްގެ 23 ކުޅުންތެރިންގެ ސްކޮޑުގައި ވެސް ޖިރޫ ހިމަނާފައިވެއެވެ.