މި އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން 4-1 އިން ފްރާންސް މޮޅުވި މެޗުގައި ދެ ގޯލު ޖަހައިގެން ފޯވާޑް އޮލިވިއޭ ޖިރޫ، ފްރާންސް ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ތިއެރީ އޮންރީގެ ރެކޯޑާ ހަމަކޮށްފިއެވެ،

ޖިރޫ ޖެހި މި ދެ ލަނޑާއެކު، ގައުމީ ޓީމަށް އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 51 އަށް އަރައިފައެވެ. ޖިރޫ ވަނީ ގައުމީ ޓީމަށް 115 މެޗު ކުޅެ ދިން އިރު، އޮންރީ އަށް 51 ލަނޑު ޖެހުނީ 123 މެޗުގައެވެ. އެހެންކަމުން، މި ވޯލްޑް ކަޕްގެ ތެރޭގައި ޖިރޫ އޮންރީގެ ރިކޯޑު މުގުރާލުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

އޭސީ މިލާނަށް ކުޅެމުން އަންނަ ފޯވާޑް ޖިރޫ ފްރާންސަށް ފުރަތަމަ ލަނޑު ޖަހައި ދިނީ މެޗުގެ 32 ވަނަ މިނެޓުގައެވެ. ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ދިން ރީތި ބޯޅަ ޖިރޫ ގޯލްތެރެއަށް ވައްދާލީ ވަރަށް ފަސޭހަކަމާއެކުއެވެ.

ފްރާންސް މެޗަށް ނުކުމެފައި ވަނީ މިދިޔަ ވޯލްޑް ކަޕްގައި ފްރާންސްގެ މެދު ތެރެ ބެލެހެއްޓި އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އާއި ޔުވެންޓަސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި ރެއާލް މެޑްރިޑްގެ ތަރި ކަރިމް ބެންޒެމާ ފަދަ މޮޅެތި ކުޅުންތެރިން ނުލައެވެ.

ޖިރޫ އަށް ޖާގަ ލިބިފައި ވަނީ ބެންޒެމާ އާއި އާރްބީ ލައިޕްޒިގަށް ކުޅޭ ކްރިސްޓޮފާ އެންކުންކޫ ފަދަ ކުޅުންތެރިންނަށް އަނިޔާވެގެން މުބާރާތުގައި ނުކުޅެވޭތީއެވެ.

އޭސީ މިލާނަށް މިހާތަނަށް ޖިރޫ ކުޅެ ދިން 55 މެޗުގައި އޭނާ ވަނީ 22 ގޯލް ޖަހައި ދީފައެވެ.

ފްރާންސުން އޮސްޓްރޭލިއާ އަށް "ފެން ދީފައި ކަތިލައިފި"

ޖިރޫގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 71 ވަނަ މިނެޓުގައި ޖިރޫއެވެ. މި ލަނޑަކީ އެމްބާޕޭ އަރިމަތީގައި ހުރެފައި ނަގައި ދިން ހުރަހެއް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލައިގެން ޖިރޫ ޖެހި ލަނޑެކެވެ.

ފްރާންސާއި އޮސްޓްރޭލިއާ އާއެކު ގުރޫޕް ޑީގައި ހިމެނޭ ޑެންމާކާއި ޓިއުނީޝިއާ ރޭ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ފްރާންސުގެ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ.