ފީފާ ވޯލްޑް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން މިރޭ އޮސްޓްރޭލިއާ ބަލިކޮށް، ފެންވަރު ދައްކާލައިފިއެވެ.

ގަތަރުގެ އަލް ޖަނޫބް ދަނޑުގައި ކުޅުނު މެޗު ފްރާންސުން ކާމިޔާބު ކުރީ 4-1 އިން އޮސްޓްރޭލިއާ ބަލިކޮށްގެންނެވެ. އޮސްޓްރޭލިއާ އިން ލަނޑެއް ޖަހާފައި އޮއްވައި ފްރާންސުން ވަނީ އޮސްޓްރޭލިއާ ކޮޅަށް ހަތަރު ލަނޑު ޖަހައިފައެވެ. އެއީ ފުރަތަމަ ހާފްގައި ޖެހި ދެ ލަނޑާއި ފަހު ހާފްގައި ޖެހި ދެ ލަނޑެވެ.

މި ނަތީޖާއާއެކު ފްރާންސް މިވަގުތު އޮތީ ގްރޫޕް ޑީގެ އެއް ވަނައިގައި ތިން ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޓިއުނީޝިއާ އާއި ޑެންމާކް ކުޅުނު މެޗު މިރޭ 0-0 އިން އެއްވަރުވެފައިވާތީ ކޮންމެ ޓީމަކަށް ވެސް ލިބިފައި ވަނީ އެއް ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ އޮސްޓްރޭލިއާއެވެ.

މެޗު ފަށައިގެން އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރީ ފްރާންސެވެ. ފްރާންސްގެ އަރިމަތިން ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ އާއި ބާސެލޯނާގެ ތަރި އޮސްމަން ޑެމްބެލޭ ވަނީ އޮސްޓްރޭލިއާ އަށް ނުރައްކާ ކުރެވޭތޯ މަސައްކަތްކޮށްފައެވެ.

އެކަމަކު، މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އޮސްޓްރޭލިއާ އިންނެވެ. ނުވަ ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ފޯވާޑް މެތިއު ލެކީ، ފްރާންސްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް ކައިރިން ނައްޓާލުމަށް ފަހު ނަގައި ދިން ހުރަސް ފައިން ޖަހާ ގޯލްގެ ކަނަށް ވައްދާލީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ކްރެއިގް ގުޑްވިންއެވެ. މި ގޯލް ޖެހި އިރު، ހެނާންޑޭޒްގެ ފަޔަށް އަނިޔާވެގެން އޮތީ ދަނޑު މައްޗަށް ވެއްޓިފައެވެ. ހެނާންޑޭޒް އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާގެ ބަދަލުގައި އެރުވީ އެއްބަނޑު އެއްބަފާ ކޮއްކޮ ތިއޯ ހެނާންޑޭޒްއެވެ.

މިއީ އޮސްޓްރޭލިއާ އިން ވޯލްޑް ކަޕް މެޗެއްގައި އެންމެ އަވަހަށް ލަނޑު ޖެހި ފަހަރެވެ. މީގެކުރިން އެ ޓީމު އެންމެ އަވަހަށް ލަނޑެއް ޖަހާފައި ވަނީ މެޗު ފަށައިގެން 10 މިނެޓުގެ ތެރޭގައެވެ.

އޮސްޓްރޭލިއާގެ މިޝެލް ޑޫކް ގޯލާ ދިމާލަށް ބޯޅަ ފޮނުވާލަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 22 ވަނަ މިނެޓުގައި އޮސްޓްރޭލިއާ އަށް ލީޑް ފުޅާ ކުރަން ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ހެނާންޑާޒް ހެދި ގޯހެއްގެ ފައިދާ ނަގައިގެން މިޝެލް ޑޫކް ޕެނަލްޓީ އޭރިއާ ކައިރީގައި ހުރެފައި ފައިން ފޮނުވާލި ބާރު ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ފްރާންސުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 27 ވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހެނާންޑޭޒް، ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލީ ޔުވެންޓަސް އަށް ކުޅޭ މިޑްފީލްޑަރު އެޑްރިއަން ރާބިއޯއެވެ. މިއީ ފްރާންސްގެ ގައުމީ ޓީމަށް އޭނާ ޖަހައި ދިން ތިން ވަނަ ގޯލެވެ. އަދި މެޗުގެ ތިރީހަކަށް މިނެޓު ދިޔައިރު، ފްރާންސަށް އުފެއްދުނު ހަމައެކަނި ހަމަލާއެވެ.

ފްރާންސްގެ މިޑްފީލްޑަރު ރާބިއޯ ގޯލް ޖަހަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 30 ވަނަ މިނެޓުގައި ފްރާންސާއި އޭސީ މިލާންގެ ފޯވާޑް އޮލިވިއޭ ޖިރޫ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެތުލެޓިކޯ މެޑްރިޑްގެ ތަރި އެންޓޯނިއޯ ގްރީޒްމަން ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައި ދިން ބޯޅަ ޖިރޫ ބޮލުން ޖެހުމުން ދިޔައީ ގޯލް މަތިން ބޭރަށެވެ.

ފްރާންސުން މެޗުގެ ލީޑް ނެގީ 32 ވަނަ މިނެޓުގައެވެ. އޮސްޓްރޭލިއާ ކުޅުންތެރިން ހެދި ގޯހެއްގެ ފައިދާ ނަގައިގެން މި ގޯލް ކާމިޔާބުކޮށް ދިނީ ޖިރޫއެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ. ރާބިއޯ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ދިން ރީތި ބޯޅަ ޖިރޫ ގޯލްތެރެއަށް ވައްދާލީ ވަރަށް ފަސޭހަކަމާއެކުއެވެ.

މިއާއެކު ރާބިއޯ ވެފައި ވަނީ 1998 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ގޯލަކާއި އެސިސްޓެއް ހެދި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މި ރިކޯޑް އެންމެ ފުރަތަމަ ހެދީ 1998 ގައި ބޭއްވި ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ އާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސްގެ ކްރިސްޓޮފޭ ޑުގަރީއެވެ.

އޮލިވިއޭ ޖިރޫ ލަނޑު ޖެހުމަށް ފަހު މިރޭ އުފާ ފާޅު ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

ފްރާންސަށް ލީޑް ފުޅާ ކުރަން މެޗުގެ 40 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. ފްރާންސްގެ ހަލުވި ފޯވާޑް އެމްބާޕޭ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައި ދިން ހުރަސް ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ޑެމްބެލޭ ފައިން ޖެހި ނަމަވެސް ބޯޅަ ދިޔައީ ގޯލް މަތިން ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން، އެމްބާޕޭ ދިން ބޯޅައެއްގައި ޕެނަލްޓީ އޭރިއާ ބޭރުގައި ހުރި ގްރީޒްމަން ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލް ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފްގެ ފަހު ވަގުތުގައި ފްރާންސަށް ލީޑް ފުޅާ ކުރަން ރަނުގެ ފުރުސަތެއް ލިބިފައިވެއެވެ. ގްރީޒްމަން ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައި ދިން ހުރަސް އެމްބާޕޭ ޖެހި ނަމަވެސް ދިޔައީ ބޭރަށެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮސްޓްރޭލިއާ އަށް ވެސް ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު، އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޖެކްސަން އާވައިން ބޮލުން ފޮނުވާލި ބޯޅަ ޖެހުނީ ގޯލްގެ ދަނޑީގައެވެ.

އެމްބާޕޭ ދަނޑު މަތީގައި. --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ ދެ ވަނަ ހާފް ފަށައިގެން ވެސް އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާ ކުރީ ފްރާންސުންނެވެ. މެޗުގެ 50 ވަނަ މިނެޓުގައި ހެނާންޑޭޒް ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައި ދިން ހުރަސް ޖިރޫ އޯވަހެޑަކުން ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލް ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފާ ހިލާފަށް ފްރާންސުން ދެވަނަ ހާފްގައި މަސައްކަތްކޮށްފައި ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުމަށް ފަހު، ރަނގަޅު ހަމަލާތަކެއް އުފެއްދޭތޯއެވެ. މެޗުގެ 60 ވަނަ މިނެޓުގައި ގޯލް ޖަހަން އެމްބާޕޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޖިރޫ ދިން ރީތި ބޯޅަ، އެމްބާޕޭ ޖެހި ނަމަވެސް ބޯޅަ ކޯނަރަކަށް ދިޔައީ އޮސްޓްރޭލިއާ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ.

އެމްބާޕޭ ފްރާންސްގެ ތިން ވަނަ ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 67 ވަނަ މިނެޓުގައި ފްރާންސުން ލީޑް ފުޅާ ކުރަން ގްރީޒްމަން އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު، އޭނާ ޖެހި ބޯޅަ ގޯލަށް ވަދެ ވަދެ އޮއްވައި ސަލާމަތް ކުރީ އޮސްޓްރޭލިއާގެ ކުޅުންތެރިއެކެވެ. އޭގެ އެއް މިނެޓު ފަހުން ޑެމްބަލޭ ނެގި ހުރަހެއް ބޮލުން ޖަހައި ގޯލް ތެރެއަށް ވައްދާލައިގެން އެމްބާޕޭ ވަނީ ފްރާންސްގެ ތިން ވަނަ ލަނޑު ޖަހައި ދީފައެވެ.

އޮލިވިއޭ ޖިރޫ ފްރާންސަށް ލަނޑު ޖަހައި ދެނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

ފްރާންސްގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 71 ވަނަ މިނެޓުގައި ޖިރޫއެވެ. މި ލަނޑަކީ އެމްބާޕޭ އަރިމަތީގައި ހުރެފައި ނަގައި ދިން ހުރަހެއް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލައިގެން ޖިރޫ ޖެހި ލަނޑެކެވެ. މިއީ ގައުމީ ޓީމަށް ޖިރޫ ޖެހި 51 ވަނަ ލަނޑެވެ. މިއާއެކު، އޭނާ ވަނީ ފްރާންސަށް އެންމެ ގިނަ ލަނޑު ޖަހައި ދިން ތިއޮރީ އޮންރީ އާ އަރާ ހަމަކޮށްފައެވެ. އޮންރީ ވެސް ޖަހާފައި ވަނީ 51 ލަނޑެވެ.

ފްރާންސް މެޗަށް ނުކުމެފައި ވަނީ މިދިޔަ ވޯލްޑް ކަޕްގައި ފްރާންސްގެ މެދު ތެރެ ބެލެހެއްޓި އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އާއި ޔުވެންޓަސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި ރެއާލް މެޑްރިޑްގެ ތަރި ކަރިމް ބެންޒެމާ ފަދަ މޮޅެތި ކުޅުންތެރިން ނުލައެވެ.

ފްރާންސް އާއި ރަޝިއާ އެންމެ ފަހުން ބައްދަލު ކުރީ ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައެވެ. އެ މެޗު 2-1 އިން ކާމިޔާބުކޮށްފައި ވަނީ ފްރާންސެވެ. ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ދެ ފަހަރެވެ. އެއީ 1998 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.

އޮސްޓްރޭލިއާ މިހާތަނަށް އައިއިރު ހަ ވޯލްޑް ކަޕަކުން ފެނިފައިވާ އިރު، އެ ޓީމަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދިފައި ވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އެ ފަހަރު އެ ޓީމު ދެވަނަ ބުރަށް ދިޔައެވެ. އެކަމަކު، އެ ޓީމު ވަނީ އިޓަލީ އަތުން ބަލިވެ، މުބާރާތުން ކަޓައިފައެވެ.

އޮސްޓްރޭލިއާ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައި ވަނީ ޕްލޭ އޮފްގައި ޕެނަލްޓީ ޖަހައިގެން ޕެރޫ ބަލިކުރުމަށް ފަހުގައެވެ. އޮސްޓްރޭލިއާ އާއި ފްރާންސް މިހާތަނަށް އައިއިރު ފަސް ފަހަރެއްގެ މަތިން ބައްދަލު ކުރި އިރު، އޮސްޓްރޭލިއާ އިން ފްރާންސްގެ މައްޗަށް ކުރި ހޯދުނީ އެންމެ ފަހަރަކުއެވެ.

ފްރާންސް މިހާތަނަށް އައިއިރު، 16 ވޯލްޑް ކަޕެއްގައި ކުޅުނު އިރު، 1998 ވަނަ އަހަރު ތަށި ހޯދުމަށް ފަހު، 2002 ގެ ވޯލްޑް ކަޕްގައި އެ ޓީމު ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުން ފްރާންސް ކަޓާފައި ވަނީ ޑެންމާކް އަތުން 2-0 އިން ސެނެގާލް އަތުން 1-0 އިން ބަލިވެގެންނެވެ.

ގްރޫޕް ޑީގައި ފްރާންސް އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ފްރާންސް މި މަހުގެ 30 ވަނަ ދުވަހު ނުކުންނާނީ ޓިއުނީޝިޔާއާ ދެކޮޅަށެވެ. އޮސްޓްރޭލިއާ އިން އަންނަ ހޮނިހިރު ދުވަހު ހަވީރު ނުކުންނާނީ ޓިއުނީޝިޔާއާ ދެކޮޅަށެވެ.