ޔޫރަޕުގް އެންމެ ޝަރަފުވެރި މުބާރާތް، ޗެމްޕިއަންސް ލީގުގައި އޭސީ މިލާނުން އެފްސީ ސެލްޒްބާގު ބޮޑު ތަފާތަކުން ބަލިކޮށްފިއެވެ.

ގުރޫޕް އީގެ ފަހު މެޗުގައި އޭސީ މިލާނުން 0-4 ގެ ނަތީޖާއިން ސެލްޒްބާގު ބަލިކުރުމާއެކު، ސެލްޒްބާގު ވަނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. މި މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތްއިރު، މިލާނުން ދެވަނަ ބުރަށް ދިޔައީ ކުޅުނު ހަ މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. މި ގުރޫޕް ތާވަލުގެ އެއްވަނައިގައި އޮތީ މިރޭ ޑައިނަމޯ ޒެގްރެބް އަތުން މޮޅުވީ ޗެލްސީ އެވެ. އެޓީމު އެއްވަނައިގައި އޮތީ 13 ޕޮއިންޓާއެކުއެވެ.

މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މި މެޗުގައި އެންމެ ފުރަތަމަ މިލާނަށް ލީޑު ނަގައިދިނީ ސަންޑްރޯ ޓޮނާލީ ފޯރުކޮށްދިން ބޯޅައަކުން އެޓީމުގެ އިތުބާރު ހިފޭ ފޯވާޑް އޮޮލިވިއާ ޖިރޫޑް ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. މި ހާފުގައި ސެލްޒްބާގުން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިނަމަވެސް މިލާންގެ ޑިފެންޑަރުން ވަނީ އެހަމަލާތައް މަތަކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން އެއް މިނެޓު ކުޅެވިފައި ވަނިކޮށް މިލާންދެ ދެވަނަ ގޯލު ޖެހިއެވެ. މިއީ ޖިރޯޑް ނަގައިދިން ބޯޅައަކުން އެޓީމުގެ ރޭޑް ކްރޫނިކް ބޮލުން ޖެހި ގޯލެކެވެ. މިލާންގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖިރޫޑެވެ. މިއީ ސަލްޒްބާގުގެ އޮމަރ ޑެޑިކް ހެދި ގޯހެއްގެ ފައިދާ ނަގާ ޖިރޯޑް ޖެހި ގޯލެކެވެ. ރޭގެ މެޗުގައި ގިނަ ޕާސްތަކެއް ޖެހި މިލާނުގެ ހަތަރު ވަނަ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ އެއް މިނެޓުގައި ޖިރޫޑް ދިން ޕާހަކުން ޖޫނިއާ މެސިއަސްއެވެ. ރޭގެ މެޗުގައި ދެ ގޯލާއި ދެ އެސިސްޓު ހެދި ޖިރޯޑު ވަނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

ޗެ،މްޕިއަންސް ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ޕީއެސްޖީން ވަނީ 1-2 ގެ ނަތީޖާއިން ޔުވެންޓަސް ބަލިކޮށްފައެވެ. މެންޗެސްޓާ ސިޓީ އިން 1-3 ގެ ނަތީޖާއިން ބަލިކުރިއިރު، ބެންފީކާ އިން ވަނީ މެކަބީ ހައިފާ އަތުން ބަލިވެފައެވެ.

އޭސީ މިލާންގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ޖާގަ ޔަގީންކޮށްފައިވާ ޓީމުތަކަކީ ޓޮޓެންހަމް، ފްރޭންކްފާޓު، ނަޕޯލީ، ލިވަޕޫލް، ކްލަބް ބްރޫޖް، ޕޯޓޯ، ބަޔާން މިއުނިކް، އިންޓަ މިލާން، ޗެލްސީ، ރެއާލް މެޑްރިޑް، މެންޗެސްޓާ ސިޓީ، ބޮރޫޝިއާ ޑޯޓްމަންޑް، ޕީއެސްޖީ އަދި ބެންފީކާއެވެ.