އިޓާލިއަން ލީގުގައި އޮލިވިއޭ ޖިރޫޑް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު ޓޮރީނޯ ބަލިކޮށް އޭސީ މިލާން ތާވަލުގެ އެއްވަނަ މަޤާމަށް ޖެހިލައިފިއެވެ.

އޭސީ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އޭސީ މިލާން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ދިހަ މެޗުން ލިބުނު 28 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ނާޕޮލީއަށް ނުވަ މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

އަންނަ ބުދަދުވަހު ބޮލޯނިއާ އަތުން ނާޕޮލީ މޮޅުވެއްޖެ ނަމަ އޭސީ މިލާނާއި ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ތާވަލުގެ އެއްވަނަ މަގާމަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އޮލިވިއޭ ޖިރޫޑް މި މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު އޭނާ މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ކުރީކޮޅުގައެވެ. މި ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ޖިރޫޑް ކާމިޔާބުކޮށްދިނީ ރަޑް ކްރޫނިޗްގެ އެހީއާއެކު އެވެ.

މި ލަނޑަށްފަހު ވެސް އޭސީ މިލާނަށް ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މި ފުރުސަތުތަކުގެ ހުރަހަކަށް ވީ ޓޮރީނޯގެ ގޯލްކީޕަރެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް އޭސީ މިލާނަށް ލިބިގެންދިޔަ އެވެ. މި ހާފުގައި ޓޮރީނޯ އިންވެސް ފުރަތަމަ ހާފަށްވުރެ ކުޅުން ރަނގަޅުކުރި އިރު އެ ޓީމަށް ލަަނޑުޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ އެންޓޯނިއޯ ސެނަބްރިއާ އަށެވެ. އޭނާ ފޮނުވާލި ބޯޅައިގެ ހުރަހަކަށް ވީ މިލާނުގެ ކީޕަރެވެ.