ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ގަބޫލުކުރާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ ކްލަބް ބާސާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން 6 މަސްދުވަހަށްވެ، އޭނާ ބޭނުން ކުލަބަކާއެކު ޓްރާންސްފަރ މަޝްވަރާތައް ފެށުމުގެ ރަސްމީ ހައިސިއްޔަތު ލިބިއްޖެއެވެ.

މެސީ ބާސާއާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގައެވެ. ބާސާއިން މެސީ އާއިއެކު އާ އެއްބަސްވުމެއް ނުހަދައިފި ކަމުގައި ވާނަމަ އޭނާ އެހެން ޓީމަކަށް ބަދަލުވާނީ ހިލޭ ޓްރާންސްފަރ އެއްގައެވެ. އެހެން އެކަން ވެއްޖެ ކަމުގައިވާނަމަ މާލީގޮތުން ބާސާއަށް ބޮޑު ގެއްލުމެއް ލިބޭނެއެވެ.

2001 ވަނަ އަހަގައި ބާސާއާއި ގުޅުނު މެސީ އަކީ އެޓީމުން ފާއިތުވީ 20 ވަރަކަށް އަހަރުތެރޭގައި ހޯދާފައިވާ ހުރިހާ ކާމިޔާބީއެއްގައި އެންމެ އިސްދައުރެއް އަދާ ކޮށްފައިވާ ކުޅުންތެރިޔާއެވެ. އަބަދުވެސް ބާސާއަށް އޭނާގެ ހިތުގައި އޮންނަ ލޯބި ހާމަކޮށްދޭ މެސީ އެތައް ފަހަރެއްގެ މަތިން ބާސާގެ ޖާޒީގައި އަބަދުވެސް ވާން ބޭނުންވާކަން ހާމަކުރަމުން ދިޔަ މެސީ ފާއިތުވީ 1 އަހަރު ދެވަސްތެރޭގައި ބާސާ އިން ބަދަލުވާން އުޅޭ ކަމުގެ އަޑު ތަކެއް ވަނީ ފެތުރިފައެވެ.

އެހެން ނަމަވެސް ފުރަތަމަ ފަހަރަށް އޭނާ ބާސާ ދޫކޮށްލަން ބޭނުންވިކަން ނިމިދިޔަ ޓްރާންސްފަރ މާކެޓްގައި ހާމަކޮށްފައި ވާއިރު އޭނާ ހޯދުމުގެ ޝައުގުވެރިކަން އެތައް ކުލަބަކުން ވަނީ ފާޅު ކޮށްފައެވެ. މެސީ ހޯދުމަށް ފުޓުބޯޅައިގެ އެންމެ މުއްސަނދި ކުލަބު ތަކުން ހުށަހެޅުންތައް ތައްޔާރު ކުރަމުން ދިޔައިރު މިރޭހުގެ އެންމެ ކުރީގައި މިއަދާ ހަމައަށް ޖެހެންދެންވެސް އޮތީ އޭނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ މިހާރު ކޯޗުކަން ކޮށްދެމުން އަންނަ އިނގިރޭސި ވިލާތުގެ ގަދަ ބާރު މެންޗަސްޓަރ ސިޓީއެވެ.

އެޓީމުން ވަނީ އޭނާގެ ސޮއެ ހޯދުމަށް މާލީ ގޮތުން އަދި އެހެނިހެން ގޮތްގޮތުންވެސް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުންދާކަން ހާމަ ކޮށްފައެވެ. އެފަހަރު މެސީ ބާސާ ދޫކޮށް އެހެން ޓީމަކަށް ބަދަލުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު ކަމުގައިވީ ނަމަވެސް ފަހުވަގުތު ބާސާ ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވާ ކަމަށް ބުނެ އެއްބަސް ވުމުގެ ބާކީ އޮތް މުއްދަތު ހަމަވަންދެން ބާސާގައި މަޑު ކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ބާސާއިން ވަނީ މެސީ އެޓީމު ދޫކޮށްލުމަށް އެދުމުން އެކަމަށް އިންކާރުކޮށް މިކަން އިތުރަށް ކުރިއަށް ގެންދާނަމަ ޝަރީއަށް މެދުވެރިކުރާނެ ކަމަށް ބުނެފައެވެ.

ހަމަ ގައިމުވެސް މިއަހަރުގެ ހޫނު މޫސުގެ ޓްރާންސްފަރ ގައި "ހޮޓް ޓޮޕިކް" އަކަށް މެސީ ވާނެ އިރު މިހާތަނަށް މެސީ އަދި އޭނާގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އޭނާގެ ބައްޕަ ޖޯޖް ވެސް އެއްވެސް ޓީމަކާއި އެކު ރަސްމީ ޓްރާންސްފަރ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަން ހާމަ ކޮށްފައެއް ނުވެއެވެ.