ފުޓުބޯޅައިގެ އެންމެ މުއްސަނދި އެއްކުލަބު ކަމަށްވާ ފްރާންސްގެ ޗެމަޕިއަން ޕީއެސްޖީއަށްވެސް ހަފަހަރަށް ބެލަންޑޯ އެވޯޑް ހޯދާފައިވާ ބާސާގެ ކެޕްޓަން ލިއޯ ގެނައުމުގެ މާލީ ތަނަވަސްކަން ނެތްކަމުގެ ބިރު އެބައޮތް ކަމަށް ފްރާންސްގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ހޫލިއަން ލޯރެންސް ބުނެފިއެވެ.

ސްކައި ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ހޫލިއަން ބުނީ މިވަގުތުވެސް ޕީއެސްޖީގައި އަގުބޮޑެތި އެތައް ކުޅުންތެރިންނެއް އެބަތިބި ކަމަށާއި، ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވި މާލީ ހާލަތާއި އެކު މިކުޅުންތެރިންނަށް މުސާރަ ދެމުން، ފައިނޭންޝަލް ފެއާ ޕްލޭގެ އުސޫލުތަކަށް ތަބާވަމުން މެސީގެ މުސާރައިގެ "ބުރަ" ޕީއެސްޖީއަށް އުފުލަން ދަތިވާނެ ކަމަށެވެ.

މިއަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް މެސީ ބާސާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު މިހާތަނަށް މެސީ އާއި ބާސާއާއި ދެމެދު އައު އެއްބަސްވުމެއް ވެވިފައެއް ނުވެއެވެ. އެހެންނަމަވެސް ބާސާއިން ކެނޑިނޭޅި އިތުރު އެއްބަސްވުމެއް ހެދުމަށް މަސައްކަތް ކުރަމުންދާއިރު މިވަގުތު މެސީ ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި އޮތީ ޕީއެސްޖީ އާއި އިނގިރޭސި ގަދަބާރު މެންޗަސްޓަރ ސިޓީ ކަމަށް ބޭރުގެ ކުޅިވަރު ރިޕޯޓްތަކުން ބުނެއެވެ.

މެސީ ބާސާގެ ސީނިއަރ ޓީމަށް ސޮއެކުރީ 2004 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް 16 އަހަރު ވެފައިވާއިރު މިމުއްދަތުގައި އެޓީމުން ހޯދާފައިވާ ގިނަ ކާމިޔާބީ ތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައި ވަނީ މެސީއެވެ. މިހާތަނަށް ބާސާއަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިއަކީވެސް މެސީއެވެ.