"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި މިރޭ ނަމުރު އެފްސީ ބަލިކޮށް މުބާރާތުގައި މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކުލަބު (އެމްޔޫއެސްސީ) ފުރަތަމަ މޮޅު ހޯދައިފިއެވެ.

ނަމުރު އެފްސީއާއި ވާދަކޮށް އެމްޔޫއެސްސީ މި މެޗު ކާމިޔާބުކޮށްފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އެ ޓީމަށް ވަނީ ޖުމްލަ ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ދެވަނަބުރަށް ދިއުމުގެ އުއްމީދު އެ ޓީމަށް ބޮޑުވެގެންދިޔަ އެވެ. އެމްޔޫއެސްސީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު އެއްވަރުވީ އެފްސީ ޒެފިއާ އާއި ވާދަކޮށް 4-4 ގެ ނަތީޖާއަކުންނެވެ.

މިއީ މި މުބާރާތުގަައި ނަމުރު އެފްސީ ބަލިވި ދެވަނަ މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވީ އާން ދޯ އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އެމްޔޫއެސްސީ ޓީމަށް ލަނޑުތައް ޖަހައިދިނީ އަލީ ޝަމާލް އަބްދުﷲ އަދި އަބްދުﷲ ތަހުސީންގެ އިތުރުން އަލީ ސިނާހު އެވެ. މީގެތެރެއިން ޝަމާލް އަބްދުﷲ އަދި އަބްދުﷲ ތަހުސީން ވަނީ ކޮންމެ ކުޅުންތެރިއެއް ދެ ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޔޫއެސްސީ އަށް ދެ ގޯލް ކާމިޔާބުކުރި އަބްދުﷲ ތަހުސީން އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.