"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާފައިނަލުގައި ކުލަބް ކާސިންޖީ (ސީކޭ) 3-2 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް މަސްއޮޑި ޓައިޓަންސް ދަތުރުކޮށްފިއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ސީކޭ އެވެ. މެޗުގެ ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ޝިޒާން އެވެ. އޭނާ މި ލަނޑު ޖެހީ ސީކޭގެ އެންމެ ފަހަތުން ދަނޑުގެ މެދަކާއި ހިސާބުގައި ހުރެ އަބްދުﷲ ފައުޒާން ގޯލާއި އަމާޒުކޮށް މަތިން އޮއްސާލި ބޯޅަ ގޯލު ކުރިމަތީ ހުރެ ބޮލުން ޖައްސާލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ސީކޭ އާއި މަސްއޮޑި ޓައިޓަންސް ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ މަސްއޮޑި ޓައިޓަންސް އިން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު އިބްރާހިމް ރިމާހު ކާމިޔާބުކުރީ ތިރިތިރިން ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅައަކުންނެވެ. މި ލަނޑު ޖެހިތާ މިނެޓެއް ފަހުން މަސްއޮޑި ޓައިޓަންސް ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ވިލްފް އެވެ. އޭގެ ފަސް ވަރަކަށް މިނެޓުފަހުން ސީކޭ ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނައުފަލް (ނާބެ) އެވެ.

މެޗުން މަސްއޮޑި ޓައިޓަންސް މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ ކުޅުން ނިމެން ދެތިން މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއީލް ވަޖީހު (ވައްޖެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަސްއޮޑި ޓައިޓަންސްގެ އިބްރާހިމް ރިމާހު އެވެ. އޭނާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނުމަޅި އެމްވީގެ ފަރާތުން ނަސީރު އެވެ.

މި މެޗާއެކު މުބާރާތުގެ ސެމީފައިނަލުގައި ވާދަކުރާނެ ޓީމުތައް ވަނީ ކަށަވަރުވެފައެވެ. ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ. މި މެޗުތައް "މަޅި އެމްވީ" ފޭސްބުކް ޕޭޖުން ވަގުތުން ފެންނާނެއެވެ.

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖް- ސެމީފައިނަލް

20:30 : ވީކޭ - މަސްއޮޑި ޓައިޓަންސް

21:30 : ރެމްޕޭޖް - މަސްއޮޑި ސްޕޯޓްސް ކުލަބް

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.