ލ. ގަމަށް ނިސްބަތްވާ އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް އިން ކުރިއަށްގެންދާ މަތިވަރު ފުޓްސަލް ޗެލެންޖްގެ ކުއާޓާފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ. މި ޓީމުތައް ކަށަވަރުވީ މުބާރާތުގެ ފަސްވަނަ ދުވަހާއި ހަވަނަ ދުވަހުގެ ކުޅުމަށްފަހުއެވެ.

އެގޮތުން މުބާރާތުގެ ކުއާޓާ އަށް ދަތުރުކޮށްފައިވަނީ ކަންމަތި އާއި ކަންމަތި އެސްސީ އާއި ޑިޓްރޮއިޓްސް އެސްސީ އާއި އެފްޒެޑްއާރް އާއި ކާގަޅަ އެސްސީ އާއި ކަންމަތި އެފްސީ އާއި އޯލް އެޓޭކާސް އާއި ދަނޑުބައްތި ޓީމެވެ.

މުބާރާތުގެ ފަސްވަނަ ދުވަހުގެ ފުރަތަމަ މެޗުގައި ކަންމަތިން ވަނީ 0-1 އިން ކަންމަތި އެސްސީގެ މައްޗަށް ކުރި ހޯދާފައެވެ. އަދި އެ ދުވަހުގެ ދެވަނަ މެޗުގައި ކުލަ މަޖާގެ މައްޗަށް 2-4 އިން ދަނޑުބައްތި ކުރި ހޯދިއިރު ތިންވަނަ މެޗުގައި ކަންމަތި އާއި އެފްސީ ކިންގް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އަދި ހަވަނަ ދުވަހުގެ ފުރަތަމަ މެޗު ކުލަމަޖާއާ ބައްދަލުކޮށް 1-7 އިން އެފްޒެޑްއާރް ކުރި ހޯދިއިރު ދެވަނަ މެޗުގައި އޯލް އެޓޭކާސް އިން ވަނީ 0-4 އިން ޕައިރޭޓްސް ސޯމާލިއާގެ މައްޗަށް ކުރި ހޯދާފައެވެ. އަދި އެ ދުވަހުގެ ފަހު މެޗުގައި ދަނޑުބައްތި ޓީމުން ވަނީ ބަރުލަމާނީ އެފްސީގެ މައްޗަށް 1-2 އިން ކުރި ހޯދާފައެވެ.

މުބާރާތުގެ ކުއާޓާގައި ޓީމުތައް ބައްދަލުކުރާ ގޮތަށް ބަލާއިރު ކަންމަތި ޓީމުން ނިކުންނާނީ ޑިޓްރޮއިޓްސް އެސްސީއާ ދެކޮޅަށެވެ. އެފްޒެޑްއާރް އިން ކަންމަތި އެސްސީއާ ބައްދަލުކުރާއިރު ކާގަޅަ އެސްސީ ނިކުންނާނީ އޯލް އެޓޭކާސްއާ ދެކޮޅަށެވެ. އަދި ކަންމަތި އެފްސީ ނިކުންނާނީ ދަނޑުބައްތިއާ ދެކޮޅަށެވެ.