ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެހީއާއެކު އެކުލަވާލާފައިވާ އާ ގައިޑްލައިންތަކާއި އެއްގޮތްވާގޮތުގެ މަތީން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ފަރިތަކުރުންތައް ބޭއްވުމުގެ ހުއްދަ ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބައްސާމް މިކަން ހާމަކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ސިއްހަތާބެހޭ ވަޒީރު އަހުމަދު ނަސީމް އަދި އެޗްޕީއޭގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓަކުންނެވެ.

 

ކޮވިޑުގެ ހާލަތާއި ގުޅިގެން ހުއްޓާލާފައިވާ ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އަނެއްކާވެސް ފެށުމަށް ކުރާ މަސައްކަތުގެ ތެރެއިން މީގެ އެއްދުވަސް ކުރިން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވެއެވެ.

ރާއްޖޭގެ ލީގު އަލުން ފެށުމަށް މަސައްކަތްކުރަނީ ލީގުގެ ހުރިހާ ކުލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ޓެކްނިކަލް ސްޓާފުންނަށް ވެކްސިން ދިނުމަށްފަހު އެވެ. ވެކްސިން ދިނުމަށް ނިންމާފައިވާކަން އެފްއޭއެމުގެ ރައީސް ބައްްސާމް އަދީލް ޖަލީލް ހާމަކުރެއްވީ މީގެ ހަތް ވަރަކަށް ދުވަސް ކުރިންނެވެ. މިކަން ހާމަކުރެއްވި ދުވަހު ކުލަބުތަކުގެ އިސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވާ އެ ކުލަބުތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

ރާއްޖޭގެ ލީގު ކުއްލިގޮތަކަށް ހުއްޓާލަން ޖެހުނީ މިމަހުގެ 3 ގައެވެ. މި ނިންމުމަށް އަންނަ އަންގާރަ ދުވަހަށް ދެ ހަފުތާ ވާއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ލީގު ފެށީވެސް އެޗްޕީއޭއާއި އެފްއޭއެމް ގުޅިގެން ފީފާއާއި އޭއެފްސީގެ މިންގަނޑުތަކަށް އެކުލަވާލި އުސޫލުތައް ހިމަނައިގެންނެވެ. ނަމަވެސް ކުޅުން މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ކުރި މަސައްކަތުން އެޗްޕީއޭއިން އަނެއްކާވެސް އާ އުސޫލެއް އެކުލަވާލުމަށް އެންގިއެވެ.

ކުޅުން ހުއްޓާލުމާއި ގުޅިގެން ކުލަބުތަކުގެ އިސްވެރިންނާއި ކޯޗުންގެ އިތުރުން ކުޅުންތެރިން ވަނީ ވަކިވަކިން ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި އެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުޅުންތެރިންގެ މައިގަނޑު ކަންބޮޑުވުމަކަށް ވީ ނުކުޅެ ގިނަ ދުވަސްވުމުގެ ސަބަބުން އެ ކުޅުންތެރިންގެ ފިޓްނަސް ދަށްވުމެވެ. އަދި އާމްދަނީއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ވެސް އެ ކުޅުންތެރިން ފާހަގަކޮށްފައި ވެއެވެ.