ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދިން ހުއްދައިގެ ދަށުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ފަރިތަކުރުންތައް ފަށައިފިއެވެ.

ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ފަރިތަކުރުންތައް ފަށާފައިވަނީ އެފްއޭއެމާއި އެޗްޕީއޭ ގުޅިގެން އެކުލަވާލި އާ ގަވާއިދުގެ ދަށުންނެވެ. މި ހުއްދަ އެޗްޕީއޭއިން ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިއަދު ކުލަބް ގްރިންސްޓްރީޓްސް އިން ފަރިތަކުރުންތައް ކުރިޔަށްގެންދަނީ-- ފޮޓޯ: އެފްއޭއެމް

(އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެޑްރެސްކުރައްވާ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރައްވާފައިވާ ސިޓީގައި ބުނެފައިވަނީ އެފްއޭއެމުން އަލަށް ހެދި އުސޫލުތަކުގެ ދަށުން ކުލަބުތަކަށް ފަރިތަކުރުންތައް ކުރިއަށްގެންދިޔުމުގެ ހުއްދަދީފައިވާ ކަމަށެވެ.

އެކަމަކު ކޮވިޑް-19 ގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވަމުން އަންނަ ކަމަށާއި، އެހެންކަމުން ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އަންގާ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. އަދި ފަރިތަކުރުންތައް ފެށުމުގެ ހުއްދި ދިން ނަމަވެސް މި ދުވަސްވަރު ކޮވިޑުގެ ކޭސްތައް އިތުރުވަމުން އަންނާތީއާއެކު، ފަރިތަކުރުންތައް ފެށުން އިތުރު ދެ ހަފުތާއަށް ފަސްކުރުމަށް އެދޭ ކަމަށްވެސް އެޗްޕީއޭއިން އެފްއޭއެމަށް އެޑްރެސްކޮށް ފޮނުވި ސިޓީގައިވެއެވެ.

މިއަދު ހެނދުނު ޓީސީން ފަރިތަކުރުންތައް ކުރިޔަށްގެންދަނީ-- ފޮޓޯ: އެފްއޭއެމް

އެފްއޭއެމުން އެންމެ ފުރަތަމަ މަސައްކަތްކުރީ އޭއެފްސީ ކަޕުގައި ވާދަކުރާ ޓީމުތަކަށް ހުއްދާ ދޭށެވެ. ނަމަވެސް އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުދެކޭތީ އެކަން އެގޮތަށް ނުނިންމީ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. އާ އުސޫލުތަކުގައިވާ ގޮތުން ފަހަރަކު ދަނޑެއްގައި ފަރިތަކުރެވޭނީ ޓީމަކަށެވެ. އަދި އައު އުސޫލުގެ ދަށުން ޖުމްލަ 20 ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ކުރިއަށްގެންދަން ފުރުސަތު ދިނީ ހާފެއްގައި 10 ކުޅުންތެރިން ތިބެވޭ ގޮތަށެވެ.

ކޮވިޑުގެ ވޭދަނަތައް މާލޭ ސިޓީގައި އިތުރުވަމުން ދިއުމާއި ގުޅިގެން ރާއްޖޭގެ ލީގު ކުއްލިގޮތަކަށް ހުއްޓާލަން ޖެހުނީ މިމަހުގެ 3 ގައެވެ. ހުއްޓާލިއިރު ލީގުގެ ދެވަނަ ބުރުގެ ކުޅުން ދިޔައީ ކުރިޔަށެވެ. ކުއްލިއަކަށް ހުއްޓާލުމާއެކު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުލަބުތަކުން ފަރިތަކުރުންތައް ފަށާފައި މި ވަނީ ތިން ހަފުތާއަށްފަހު އެވެ.