ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ހުވަދުއަތޮޅުގެ އެންމެ ކާމިޔާބު އެއް ކުޅިވަރު އެކަޑަމީ ކަމަށްވާ ރައުހަތު ސްޕޯޓްސް އެކަޑަމީއާއި ގދ. ވާދޫގެ ސޮސައިޓީ ފޯރ ވާދޫ ޔޫތް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވާދޫގައި މި އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވިއިރު، މި އެއްބަސްވުމުގެ ދަށުން އަހުލާގު ރަނގަޅު ކުޅިވަރުގެ ޖީލެއް ބިނާކުރުމާއި، އެތްލީޓުން ބިނާކުރުމުގެ އިތުރުން އެ އެތްލީޓުންނަށް ރިވެތި އަހުލާގު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް މި ޕްރޮގްރާމްގެ ދަށުން ކުރިޔަށްދާނެ އެވެ.

މީގެއިތުރުން ރަށުގެ އިޖުތިމާއީ މައްސަލަތަކާއި ކުޅިވަރުގެ ރޮނގުން ރަނގަޅުކުރަން ހުރި ކަންކަމާއި ގުޅޭގޮތުން ދެފަރާތް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ރައުހަތް ސްޕޯޓްސްއިން ވަނީ މި ޕްރޮގްރާމްގެ ސެޝަންތަކެއް ވާދޫގައި ބާއްވާފައެވެ. އެގޮތުން މި ސެޝަންތަށް ކުރިޔަށް ގެންގޮސްފައިވަނީ ކާއްޑޭ ސްޕޯޓްސްގެ ރައީސް ޚާތިމް، ކާއްޑޭ ސްޕޯޓްސްގެ ނައިބު ރައީސް މުބީން އަދި ކާއްޑޭ ސްޕޯޓްސްގެ ސްޕޯޓްސް ޑިރެކްޓަރ އާދަމް ލަރީފް ( ރޮނާ ) އެވެ. މީގެއިތުރުން އެތްލެޓިކްސް އެސޯސިއޭޝަންގެ ތިނަދޫ ރީޖަނަލް ކޯޗް ރައުހަތް ގުދުރަތުﷲ ވަނީ އެތްލެޓިކްސް ކޯޗިންގ ޑިވެލޮޕްމެންޓް ސެޝަނެއް ބާއްވާފައެވެ.

ގދ ވާދޫގެ ސޮސައިޓީ ފޯރ ވާދޫ ޔޫތް އަކީ 2019 ވަނަ އަހަރު ވުޖޫދަށް އައި ޖަމްއިއްޔާއެކެވެ. މި ޖަމިއްޔާއިން ދަނީ ވާދޫގެ ޒުވާނުންނަށް އަމާޒުކޮށް އެކި ކަހަލަ އިޖްތިމާއީ ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ.