މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި މިހާރު ކުރިއަށްދާ "މައިލޯ އެސޯސިއޭޝަން އެތްލެޓިކްސް ޗެމްޕިއަންޝިޕް" ގައި ގދ. ތިނަދޫ އަށް ނިސްބަތްވާ ރައުހަތު ސްޕޯޓްސް އެކަޑަމީ އިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފިއެވެ.

ޒުވާން އެތްލީޓުންތަކަކާއި އެކު މި މުބާރާތާއި ކުރިމަތިލި ރައުހަތު ސްޕޯޓްސް އެކަޑަމީގެ އެތްލީޓުން ވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެތްލީޓުންނާއި ވާދަކޮށް ޖުމްލަ 11 މެޑަލް ހޯދާފައެވެ. މީގެ ތެރޭގައި 6 ރަން މެޑަލާއި 3 ރިހި މެޑަލްގެ އިތުރުން 2 ލޯ މެޑަލް ހިމެނެއެވެ.

ލޯންގް ޖަމްޕުގައި ވާދަކުރި ނާހިލް ނިޒާރު ވަނީ މީގެ 15 ދުވަސް ކުރިން ތުރުކީގެ ކޮންޔާގައި އޮތް "އިސްލާމިކް ސޮލިޑާރިޓީ ގޭމްސް" ގައި ރާއްޖެ ތަމްސީލް ކުރަމުން އޭނާ ހެދި ގައުމީ ރެކޯޑު އައުކޮށް, މި އިވެންޓުން ރަން މެޑަލް ހޯދާފައެވެ. މީގެ އިތުރުން ނާހިލް ވަނީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދާފައެވެ. އުމުރުން 17 އަހަރުގެ ނާހިލް އަކީ މިވަގުތު ރާއްޖޭގައި ހުރި ޖޫނިއާ އެންމެ ބާރު ދުވުންތެރިޔާ ކަންވެސް ފާހަގަކޮށްލެވެއެވެ.

އަރަމުން އަންނަ ޒުވާން ތަރި އިބާދުالله އާދަމް ވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި ގާތުން ވާދަކޮށް 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ވެސް ރިހި މެޑަލް ހޯދާފައެވެ. ސާއިދުގެ އެތްލެޓިކްސްގެ ކެރިއަރުގައި މިހައި ވާދަވެރިކޮށް އޭނާ އާއި ރާއްޖޭން ވާދަކުރަމުން އަންނަ ހަމައެކަނި އެތްލީޓަކީ ވެސް އިބާދުالله ކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އޭނާ ވަނީ ލޯންގް ޖަމްޕް އިވެންޓުން ވެސް ރިހި މެޑަލް ހޯދާފައެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިންގެ ލަގަބު ރައުހަތު ސްޕޯޓްސް އަށް ހައްގުވާ އިވެންޓު ކަމުގައިވާ 4 ގުނަ 100 ރިލޭ އިން ފަސޭހަކަމާއި އެކު އެ ޓީމުން ރަން މެޑަލް ހޯދިއިރު މި އިވެންޓުގައި އެ ޓީމް ތަމްސީލް ކުރީ އިބާދުالله, ނާހިލް, ނުޖޫމް އަދި ލީވާން އެވެ. މީގެ ދެ ހަފްތާ ކުރިން ސޮލިޑާރިޓީ ގޭމްސްގައި މި އިވެންޓުން ރާއްޖެ ތަމްސީލް ކުރި ޓީމުގައި ވެސް އިބާދުالله އާއި ނާހިލް ހިމެނުނު އިރު "ރައުހަތު އެކަޑެމީ" ގެ ކޯޗު ރައުހަތު ގުދްރަތުاللهގެ އުއްމީދަކީ ތިނަދޫގެ 4 އެތްލީޓުން މި އިވެންޓުގައި ރާއްޖެ ތަމްސީލް ކުރާ މަންޒަރު ފެނިގެން ދިއުމެވެ. މިއަދު މި އިވެންޓުން ރަން މެޑަލް ނެގި ޓީމުގެ އެތްލީޓުންގެ ތެރެއިން ނާހިލް އާއި ލީވާން ތަމްރީން ހަދަމުން ގެންދަނީ ރައުހަތުގެ އިރުޝާދުގެ ދަށުން ތިނަދޫގައި ކަން ފާހަގަކޮށްލެވެއެވެ. އިބާދުالله ވެސް މީގެ އަހަރުތަކެއް ކުރިން އޭނާގެ ކެރިއަރު ޖޫނިއާ އެތްލީޓެއްގެ ގޮތުގައި ފަށާފައި ވަނީ ރައުހަތުގެ އިރުޝާދުގެ ދަށުން ތިނަދޫގައެވެ.

މީގެ އިތުރުން, ބޮޑު އަނިޔާ އަކަށް ފަހު އަލުން ވާދަކުރަން ފެށި ފީލްޑް އެތްލީޓް ސުޒައިން މުހައްމަދު ވެސް ވަނީ މުޅިން އަލަށް ޖެވެލިން އިވެންޓުގައި ވާދަކޮށް ރަން މެޑަލް ހޯދާފައެވެ. ލޯންގް ޖަމްޕާއި ހައި ޖަމްޕަށް ހާއްސަ މި އެތްލީޓު އަނިޔާ އަށް ފަހު މުޅިން ފިޓް ނުވުމުގެ ސަބަބުން މި ދެ އިވެންޓުގައި ވާދަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ޖެވެލިން އިން ރަން މެޑަލް ހޯދީ އެ އިވެންޓުގެ އެއްވަނަ އެތައް ފަހަރެއްގެ މަތިން ހޯދާފައިވާ ޝައްމޫން ވެސް ފަހަތަށް ޖައްސާލުމަށް ފަހުގައެވެ.

ތިނަދޫގެ ރައުހަތު ސްޕޯޓްސް އެކަޑަމީ އިން ކޮންމެ މުބާރާތެއްގައި އެ ޓީމުގެ ނަތީޖާތައް ބޮޑުތަނުން ރަނގަޅު ކުރަމުން އަންނައިރު ގައުމީ ލެވެލްގައި ވާދަކޮށް, ރަނގަޅު ނަތީޖާތަކެއް ނެރޭ އެންމެ ގިނަ ޒުވާން އެތްލީޓުން އުފައްދަމުން އަންނަ ސްޕޯޓްސް އެކަޑަމީ އަކީވެސް މި އެކަޑަމީކަން ފާހަގަކޮށްލެވެއެވެ. ރައުހަތު ސްޕޯޓްސް އެކަޑަމީގައި ސަތޭކަ އަށް ވުރެން ގިނަ އެތްލީޓުން ތަމްރީން ހަދަމުން އަންނައިރު, ރާއްޖޭގެ އެހެން އެކަޑަމީ ތަކާއި ހިލާފަށް މިއީ އެތްލީޓުންގެ އަތުން ފީ އެއްވެސް ނަގާ އެކަޑަމީ އެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ށޯލޭ

    ތިކަމާ ސާއިދު ހުންނާނީ ޖޭވެފަ ޕަކާސް

    11
    9
  2. އަބްދޫ

    މުހަންމަދު އަމީން ބޭއްވި ކުޅިވަރު މުބރާތުގެ ތިނަދޫ ދުވުންތެރިން އޭރު ރަންވަނަތަކެއްހޯދި

    9
    4
  3. ޙަަަހަ

    އިބާދުﷲ އަށް ބާރަށް ދުވެވޭނަމަ ، އިތުރު އިވެންޓެއް ( ލޯންގް ޖަންޕް) ފަދަ އިވެންޓް ތަކުގައި ބައިވެރިވުން އެހާ ރަނގަޅެއް ނޫން ކަމަށް ފެންނަނީ

    7
    3
  4. ތެނަ

    ހުރިހާ ސުކުރެއް ހައްގުވަނީ ނާސިރުއަށް….އޭނާ ދެކެބިރުން ދުވި މީހުންގެ ދަރިންނަށް އެދުވެލި ވާރުތަވެފަ ތިހުރީ…..ހެ ހެ ހެ

    9
    4
  5. އިބޫ

    ކޮބާ ހީވޭ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ނުލިބުނަސް، ތިނަދޫ އަކީ ކުރިއަރަމުން އަންނަ ވަރަށް ޗެލެންޖިންގ ރަށެއް. ރާއްޖޭގައި ހަތަރު ސިޓީ އޮންނައިރު، މިއިން އެއްވެސް ސިޓީއަކުން އެއްވެސް ޗެލެންޖިންގ ރޫހެއް ނުދެއްކޭ. ތިނަދޫ ހަވަރަށް ނުދިންނަމަ، ރާއްޖެއަކު ނޯންނާނެ އެވަރުގެ ރަށެއް. މިހެން ބުނުމުން ރުޅިއަންނަ ބަޔަކު ހުންނާނެ. އެއީކީ މައްސަލައެއްނޫން. ދަތި އުނދަގޫތަކުން އަރައިގަނެ ކާމިޔާބީ ހޯދުމަކީ ތިނަދޫގެ ރޫހެއް. ދެކުނަށް ވީތީ ފަހުރުވެރިވަން. “ފެންމީރުވި ރީތި ރަށޭމީ، ރޫހުވަނީ ތިނަދޫގައޭ”

    7
    1
  6. Anonymous

    އަދިވެސް ސިންތެޓިކް ޓްރެކް ފަދަ ވަސީލަތްތައް ގާއިމް ކުރަނީ މާލެސަރަހައްދުގަ. އެތްލެޓިކްސް އިން ރަން ވަނަ ހޯދާ ގިނަ ކުޅުންތެރީން ތިބި އަދި އުފެދެމުން އަންނަނީ ތިނަދޫގައި. ވީއަރު ސަރުކާރުން މިފަދަ ތަރައްޤީ އެންމެ އެދެވޭ ގޮތުގައި ހިފޭނެ ފަދަ ރައް ރަށުގައި ވަސީލަތްތައް ގާއިމް ކުރުމައް ވިސްނާކައް ނުވޭތަ….؟؟

  7. އަކްމެޑް

    ކޮބާ އެކުވެނި ޓްރެކަށް ވެރިވެގަނެގެން އުޅޭ ކޭ އެޗް މެން؟ 😂😂😂