އިޓާލިއަން ލީގުގައި ބެނެވެންޓޯ އަތުން ބަލިވެ ލީގު ހޯދުމުގެ ރޭހުގައި ޔުވެންޓަސްއަށް އިތުރު ގޮންޖެހުމެއް ކުރިމަތިވެއްޖެއެވެ.

މި މެޗުން ޔުވެންޓަސް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް މި މެޗުގައި ޔުވެންޓަސްއަށް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މިއީ ބެނެވެންޓޯއަށް ތާރީހީ މޮޅެކެވެ. އެންމެފަހުން އެޓީމު ކުޅުނު 11 މެޗުގައިވެސް އެޓީމަށް މޮޅެއް ނުލިބެއެވެ. އަދި މިއީ މިދިޔަ ޑިސެމްބަރުގެ ފަހުން އަމިއްލަ ދަނޑުގައި ޔުވެންޓަސް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ލީގުގައި ޔުވެންޓަސް އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައިވެއެވެ. މި ބައްޔާއެކު ޔުވެންޓަސް ވަނީ ހަތަރުވަނައަށް ސޮއްސާލާފައެވެ.

މި ބައްޔާއެކު ތާވަލުގެ އެއްވަނައިގައިވާ އިންޓަމިލާނާއި ތިންވަނައިގައި އޮތް ޔުވެންޓަސްއާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ވަނީީ 10 ޕޮއިންޓަށް ފުޅާވެފައެވެ. އެއާއެކު ލީގު ހޯދުމަށް އެ ޓީމު ކުރަމުން އަންނަ އުއްމީދަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.

މެޗުގައި 35 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ޕެނަލްޓީއެއް ލިބުނެވެ. ބެނެވެންޓޯގެ ބްރަޝް އަތުގައި ޖެހުމުން ރެފްރީ ދިން މި ޕެނަލްޓީ ފޮނުވާލީ މޮރާޓާއެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. ފުރަތަމަ ހާފާއި ދެވަނަ ހާފުގެ ބޮޑުބައި ޔުވެންޓަސް ކުުޅުނީ ވަރަށް ބޮޑަށް ކުރިޔަށްޖެހިގެންނެވެ. ނަމަވެސް ބެނެވެންޓޯގެ ފަހަތް ފެނުނީ އެއަށްވުރެ ހުށިޔާރުކޮށެވެ.

ބެނެވެންޓޯ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 69 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޑޮލްފޯ ގައިޗް އެވެ.

މިއީ ޔުވެންޓަސްގެ ކޯޗު ޕިރްލޯ ކުރިމަތިލާން ޖެހޭ އިތުރު ޕްރެޝަރެކެވެ. ޗެމްޕިއަންސް ލީގުން ކެޓުމާއެކު މި މެޗުން ބަލިވެ ލީގު ހޯދުމުގެ އުއްމީދު ގެއްލެމުންދާއިރު، ގިނަ ބައެއްގ ފާޑުކިޔުން މިހާރުވެސް އެ ޓީމަށް އަމާޒުވެއެވެ.