ކޮވިޑުގެ ނުރައްކާ މާލޭގައި ބޮޑުވުމާއި ގުޅިގެން ހުއްޓާލާފައި އޮތް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.

އެޗްޕީއޭ އިން މި ހުއްދަ ދިންކަން ހާމަކުރެއްވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ.

ކޮވިޑް-19 ގެ ހާލަތު މާލޭ ސަރަހައްދުގައި ގޯސްވާން ފެށުމާއެކު ލީގު މެދުކަނޑާލީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ. މެދުކަނޑާލިއިރު ދެވަނަ ބުރުގެ ކުޅުން ކުރިޔަށްދަނީއެވެ. އޭގެފަހުން މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ކުޅުންތެރިންނާ ކުލަބުތަކުން ވަނީ ކަމާބެހޭ އިދާރާތަކުގެ ކިބައިން އަވަސް ހައްލެއް ހޯދައިދިނުމަށް އެދި ގޮވާލާފައެެވެ. އެޗްޕީއޭއިން މި ހުއްދަ ދިނީ މަހަކަށްވުރެ ފަހުންނެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ފަށާއިރު، އަންނަމަހުގެ ކުރީކޮޅު މާލޭގައި ކުޅޭ އޭއެފްސީ ކަޕުގެ ޕްރީލިމިނަރީ މެޗުވެސް އޮތީ ބޯމަތީގައެވެ. ރިޕޯޓުތައް ބުނާގޮތުން މި މެޗު ކުޅުމުގެ ހުއްދަވެސް އެޗްޕީއޭއިން ވަނީ ދީފައެވެ.

ލީގުގެ ކުޅުން ފަށާނީ ހުކުރުދުވަހު އެވެ. ލީގުގެ ކުޅުން މެދުކަނޑާލި ދުވަހު ދެ މެޗެއް ކުޅެން ތާވަލުކޮށްފައިވެއެވެ. އެއީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ކުލަބް އީގަލްސް ބައްދަލުކުރާ މެޗާއި ޔުނައިޓެޑް ވިކްޓްރީއާ ކުލަބް ގްރީންސްޓްރީޓްސް ބައްދަލުކުރާ މެޗެވެ.