ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފަސޭހަކަމާއެކު ބަލިކޮށް ތާވަލުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ޖެހިޖެހިގެން ލީގުގައި ދެ މޮޅު ހޯދައިފިއެވެ.

ސަސް އަތުން ޔޫވީ މޮޅުވީ 5-1 ނަތީޖާއަކުންނެވެ. މި މެޗުގައި ޔޫވީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އަދި ޓީމް ވޯކް ވަރަށް ބޮޑުތަން ރަނގަޅުކޮށްފައިވާ ތަން ވެސް ފެނިގެންދިޔަ އެވެ.

ޔޫވީން ލީޑު ނަގާފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ. މުހައްމަދު އާރިފް (ބަކާ) ތަނަވަސްކުރި ފުރުސަތަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކީރްލޯ ސިލިޗެވެ. މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން އިސްމާޢީލް އީސަ (މެސީ) ނަގައިދިން ކޯނަރަކުން ޔޫވީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ރަޝީދު (އައްމަޑޭ) އެވެ.

ސަސްއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައި ވަނީ ޔޫވީގެ ތިންވަނަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުންނެވެ. ބިދޭސީ މިޑްފީލްޑަރު އެއިސޫކޭ މޯރީ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހަމީދު (އައްމަޑޭ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީން ލީޑު ފުޅާކުރި ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއީލް އީސާ (މެސީ) އެވެ.

މެޗުގައި ޔޫވީގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ފެނިގެންދިޔައި މެޗުގެ ފަހުކޮޅު އެވެ. މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ޔޫވީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހައިސަމް (ޗުމްޕު) އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ޔޫވީގެ ފަސްވަނަ ލަނޑު ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މެސީއެވެ.

މި މޮޅާއެކު ތާވަލުގެ ފުލުގައި ޔޫވީ އޮތީ ކުޅުނު 13 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އަދި ފުލުން ދެވަނައިގައި އޮތް ސަސްއަށް 13 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު