ކުރިއަށް އޮތް ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އިންގްލެންޑުގެ ޤައުމީ ޓީމުން، ރަޝިޔާއަށް ގޮސް ކުރިއަށް ގެންދިޔަ ފުރަތަމަ ފަރިތަކުރުން މިއަދު ބާއްވައިފިއެވެ. މި ފަރިތަކުރުން އޮތީ މިއަދު ރަޝިޔާގެ ޒެލޮނޯގޯސްކުގައެވެ.

މިއަދު ހެނދުނުގެ ވަގުތުގައި ކުރިއަށް ދިޔަ ފަރިތަކުރުމުގައި އެޓީމުގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާކަމުގައިވާ ރަޝްފޯޑު ބައިވެރިވެފައި ނުވެއެވެ. އެއީ ކޮސްޓަރިކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި، އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެންކަމަށް އިނގިރޭސި މީޑިޔާތަކުންވަނީ ރިޕޯޓުކޮށްފައެވެ.

އެހެންނަމަވެސް، ކޮންމެވެސް ވަރެއްގެ އަނިޔާގައި ހުރި އެރިކް ޑަޔާ، ފަރިތަކުރުމުގައި ބައިވެރިވިކަމަށްވެސް، އެޤައުމުވެ މީޑިޔާތަކުން މިއަދު ވަނީ ރިޕޯޓުކޮށްފައެވެ.

މި އަހަރުގެ ވޯލްޑް ކަޕުގައި އިންގްލަންޑް ހިމެނެނީ ގްރޫޕް ޖީގައެވެ. ދެން އެގުރޫޕުގައި ހިމެނޭ ޤައުމުތަކަކީ ބެލްޖިއަމް، ޕެނަމާ އަދި ޓިއުނީޝިޔާއެވެ. މުބާރާތުގައި އިންގްލަންޑުގެ އެންމެ ފުރަތަމަ މެޗެއް އޮތީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެމެޗުގައި އެޤައުމު ނިކުންނާނީ ޓިއުނީޝިޔާއާ ދެކޮޅަށެވެ.

އިންގްލެންޑް ޓީމުގެ މިއަހަރުގެ ކޯޗަކީ ގެރެތު ސައުތުގޭޓް އެވެ. މީގެ އިތުރުން، ހެރީ ކޭން، ގެރީ ކޭހިލް އަދި ޖޯ ހާޓް ފަދަ ކުޅުންތެރިންނަކީ، ޓީމުގައި ތިބި ބައެއް މުޙިއްމު ކުޅުންތެރިކަން ފާހަގަކޮށްލެވެއެވެ.