މި ހަފުތާގެ ކުރީކޮޅު ބާސެލޯނާގެ ކުޅުންތެރިންގެ ޝަރަފުގައި އެ ކުލަބުގެ ކެޕްޓަން ލިއޮނަލް މެސީގެ ގޭގައި ބާބެކިއު ޕާޓީ ބޭއްވި މައްސަލަ ލަލީގާއިން ބަލަން ފަށައިފިއެވެ.

މެސީ ބުނާގޮތުން މި ބާބެކިއު ބޭއްވީ ބާސެލޯނާގެ ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން ރަނގަޅުކުރުމުގެ މަގުސަދުގައެވެ. ހާއްސަކޮށް ލަލީގާގައި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ކުޅުންތެރިންގެ މެދުގައި ރަނގަޅު ގުޅުމެއް ބޭއްވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށްވެސް މެސީ ބުންޏެވެ.

ނަމަވެސް ލަލީގާއިން ވަނީ މި ހާލަތުގައި އެފަދަ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ. އަދި މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށްވެސް ލަލީގާއިން ބުނެއެވެ.

މެންދުރު ގަޑީގައި ބޭއްވި މި ބާބެކިއު ޕާޓީގައި ބާސެލޯނާގެ ކުޅުންތެރިންނާއެކު އެ ކުޅުންތެރިންގެ ލޯބިވެރިންވެސް ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަލީގާއިން ދަނީ މި މައްސަލައިގައި ހޯދަންޖެހޭ ހެކިތަކާއި ވާހަކަދައްކަންޖެހޭ ފަރާތްތަކާއި ވާހަކަދައްކަމުންނެވެ. އަދި ބާސެލޯނާގެ ކުޅުންތެރިންގެ ސްކޮޑް ބަބުލް މިކަމުގެ ސަބަބުން ހަލާކުވެފައިވާ ކަމަށާއި ލީގުގެ އެހެން ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެ ޓީމަކުންވެސް ބަލަން ޖެހޭނެ ކަމަށެވެ.

ލަލީގާއިން މި މައްސަލަ ބަލާއިރު އަދި މިހާތަނަށް ލަލީގާގައި ކޮވިޑު-19 ގެ އުސޫލުތަކާއި ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅެއް އަދި ބަޔާންކޮށްފައި ނެތް ނަމަވެސް މި މައްސަލައާއި ގުޅިގެން ގިނަ ކަންކަން ބަދަލުވާނެ ކަމަށް ބެލެވެއެވެ.

މީގެކުރިން މިދިޔަ އަހަރުގެ މެއި މަހު ސެވިއްޔާ ކުޅުންތެރިން ބާބެކިއު ހެދި މައްސަލައިގައި ވެސް ލަލީގާއިން ކަންބޮޑުވުން ފާޅުކުރި އެވެ. އެފަހަރު ސެވިއްޔާ ކުޅުންތެރިން ރެކިގަތީ މައާފަށް އެދުމަށްފަހު އެވެ. ނަމަވެސް މިފަހަރު ހާލަތު ތަފާތުވުމާއި އެކު ބާސެލޯނާއަށް އަދަބެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.