ބާސެލޯނާ އަށް ނޫނެކޭ ބުނެ އެތްލެޓިކޯ މެޑްރިޑްގައި މަޑުކުރަން އެ ކްލަބުގެ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން ނިންމައިފިއެވެ.

ގްރިޒްމަން އެތްލެޓިކޯގައި މަޑުކުރަން ނިންމިއިރު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ބާސާ އިން އެންމެ ބޮޑަށް ގެންނަން ބޭނުންވި ކުޅުންތެރިއަކީ ގްރިޒްމަން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ގްރިޒްމަން ގެނެވޭނެ ކަމަށް ބާސާ އިން ތިބީ ވަރަށް ބޮޑަށް ޔަގީންކޮށްގެން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެތްލެޓިކޯގައި މަޑުކުރަން ނިންމިކަން ގްރިޒްމަން ހާމަކުރީ "ލަ ޑެސިޝަން" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީއެއްގެ ތެރެއިންނެވެ.

"އެތްލެޓިކޯގައި މަޑުކުރަން އަހަރެން ނިންމައިފިން" އެ ޑޮކިއުމެންޓްރީގެ އެންމެފަހު ތަންކޮޅުގައި ގްރިޒްމަން ބުނެފައިވެއެވެ.

މި ޑޮކިއުމެންޓްރީ އަށްފަހު ގްރިޒްމަން ވަނީ އެތްލެޓިކޯ އަށް ހާއްސަ ޓްވީޓެއް ވެސް ކޮށްފައެވެ.

ގްރިޒްމަން ގެންނަން ބާސާ އިން މިފަހަރު މަސައްކަތް ކުރިއިރު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ގެންނަން މެންޗެސްޓަރ ޔުނައިޓެޑުން ވެސް ޝައުގުވެރިވިއެވެ. އެފަހަރު ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް ގްރިޒްމަން ދިޔަ ނަމަވެސް ފަހުވަގުތު އޭނާ އެތްލެޓިކޯގައި މަޑުކުރީ ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން އެތްލެޓިކޯ އަށް ދިން އަދަބެއްގެ ސަބަބުންނެވެ.

2014 ވަނަ އަހަރު އެތްލެޓިކޯ އާއި ގުޅުނު ގްރިޒްމަން އަކީ އެޓީމުގެ ކުރީގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އެގޮތުން ގްރިޒްމަން ވަނީ މިދިޔަ ސީޒަނުގައި އެތްލެޓިކޯ އަށް ކުޅުނު 49 މެޗުގައި 29 ގޯލު ކާމިޔާބުކޮށްފައެވެ.

ގްރިޒްމަން އެތްލެޓިކޯ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އަދި ހަތަރު އަހަރު އެބައޮތެވެ.