ވޯލްޑް ކަޕްގައި އައިސްލޭންޑުން ކުޅޭ ކޮންމެ މެޗެއްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެޓީމުގެ ފޯވާޑް އަލްބާޓް ގުޑްމުންޑްސަން ބުނެފިއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ އެންމެ ކުޑަ ގައުމަކީ އައިސްލޭންޑް ކަމަށްވާއިރު އެޓީމުން ވަނީ އެންމެފަހުން ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގިނަ ބަޔަކު ހައިރާންކޮށްލާފައެވެ. އެގޮތުން އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އާއި އައިސްލޭންޑުން އެއްވަރުކުރިއިރު އެޓީމުން ވަނީ ދެވަނަ ބުރުގައި އިންގްލޭންޑު ބަލިކުރުމަށްފަހު މުބާރާތުގެ ކުއާޓާފައިނަލަށް ވެސް ދަތުރުކޮށްފައެވެ.

މިއީ އައިސްލޭންޑުން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު އެޓީމުން މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ނިކުންނާނީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ލިއޮނަލް މެސީގެ އާޖެންޓީނާއާ ދެކޮޅަށެވެ.

މިއަދުގެ މެޗުގެކުރިން "ގޯލްޑޮޓްކޮމް" އަށް ދިން އިންޓަވިއުއެއްގައި ނެދަލޭންޑްސްގެ ޕީއެސްވީ އަށް ކުޅެމުން އަންނަ ގުޑްމުންޑްސަން ބުނީ މި މުބާރާތުގައި އައިސްލޭންޑުގެ މައިގަނޑު އަމާޒަކީ ދެވަނަ ބުރަށް ދަތުރުކުރުން ކަމަށާއި މުބާރާތުގައި ކޮންމެ ޓީމަކާއި ދެކޮޅަށް ކުޅުނު ނަމަވެސް އައިސްލޭންޑަށް ރަނގަޅު ނަތީޖާއެއް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ޔޫރޯގައި ވެސް އަހަރުމެން ރަނގަޅު ޓީމުތަކާ ދެކޮޅަށް ކުޅެ ތިން ޕޮއިންޓު ނުވަތަ އެއް ޕޮއިންޓު ވާނީ ހޯދާފައި. އަހަންނަށް ހީވަނީ ޔޫރޯ އަށްވުރެ ވޯލްޑް ކަޕް މާ އުނދަގޫވާނެހެން. އެކަމަކު ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް ރަނގަޅު ނަތީޖާ އެއް އަހަރުމެންނަށް ހޯދޭނެ ކަމަށް ގަބޫލުކުރަން. ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް އަހަރުމެން ކުރާ މަސައްކަތް އަދި ޑިސިޕްލިން އެއްވަރެއްގައި ހުންނާނެ" ގުޑްމުންޑްސަން ބުންޏެވެ.

މިރޭގެ މެޗުގައި އައިސްލޭންޑުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ކުޅުންތެރިއަކީ އާޖެންޓީނާގެ ކެޕްޓަން މެސީ ކަމަށްވާއިރު ގުޑްމުންޑްސަން ބުނީ މެސީ ހުއްޓުވޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށާއި އޭނާ އަތުން ބޯޅަ ހެދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެގޮތުން މެސީ އަތުގައި ބޯޅަ އޮންނައިރު ދެ ކުޅުންތެރިން އޭނާއާ ކައިރި ކުރުން މުހިއްމުކަން ގުޑްމުންޑްސަން ފާހަގަކުރިއެވެ.

"އަހަންނަށް ވަރަށް ކަމުދޭ މެސީ ކުޅޭގޮތް. އޭނާ ފުޓްބޯޅަ އެ ކުޅެނީ ވަރަށް ފަސޭހަ ގޮތަކަށް. މެސީއާ ދެކޮޅަށް ކުޅުމަކީ ވެސް އަހަރެން ޝައުގުވެރިވާ ކަމެއް. އެކަމަކު މެޗުގެ ތެރޭގައި އަހަރުމެންގެ ވިސްނުން ހުންނަން ޖެހޭނީ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް އެއް ޕޮއިންޓު ނުނީ ތިން ޕޮއިންޓު ހޯދުމަށް. އެއަށްފަހު އިތުރު ކަމަކާމެދު ވިސްނުން ގެންގުޅެންޖެހޭނީ ވެސް" އޭނާ ބުންޏެވެ.

އާޖެންޓީނާ އާއި އައިސްލޭންޑް ކުޅޭ މި މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެގަޑިން 18:00 ގައެވެ.