ދާންދޫގައި ކޮންމެ ރޯދަ އަކާއި ދިމާކޮށް އެރަށު މިއުސިކް އެޑިފިކޭޝަން އެންޑް ސްޕޯޓްސް ކްލަބުގެ ފަރާތުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ރަމަޟާން ފުޓްސަލް މުބާރާތް މިރޭ ފެށުމަށް ނިންމައިފިއެވެ.

9 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން މުބާރާތް ކުޅޭއިރު މުބާރާތުން މޮޅުވާ ޓީމަށް 15،000 ރުފިޔާ ދޭން ހަމަޖެހިފައިވެއެވެ. އަދި ރަނަރަޕް ޓީމަށް ދޭން ހަމަޖެހިފައި ވަނީ 7500 ރުފިޔާއެވެ.

މިމުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް ދުޅަ ހެޔޮ ސިއްހަތެއްގައި ޒުވާނުން ބޭތިއްބުމާއި ފުޓްސަލް އިން ކުރިޔަށް ދާން ބޭނުންވާ ޒުވާނުންނަށް ކުރިޔަށް ދިޔުމަށް ބޭއްވޭ މުބާރާތެއް ކަމަށް ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުއްމަދު ވިދާޅުވިއެވެ.

މީގެ ކުރިން މިމުބާރާތް ބާއްވަމުން އަންނަނީ ރޯދަ މަހު ނަމަވެސް މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ އެދުމުގެ މަތިން މިއަހަރުގެ މުބާރާތް ބާއްވަން ނިންމާފައި ވަނީ ރޯދަ މަސް ނިމުމަށްފަހުގައެވެ.

މިއީ މިމުބާރާތް މެދުނުކެނޑި ބާއްވަމުން އަންނަ 12 ވަނަ އަހަރެވެ.