ކޮކާކޯލާ ހެސް ފުޓްސަލް ގޭމް 2018 ގެ ފައިނަލަށް ޓީމް ކަނޑޫދޫ އަދި ދޯހަޅިއަންސް ދަތުރުކޮށްފިއެވެ.

ޓީމް ކަނޑޫދޫއިން ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ ރޭ ކުޅެވުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ގްރޫޕް ޑީގެ އެއްވަނަ ޓީމް ވިޑްސްގެ މަށްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ކަނޑޫދޫގެ އަހުމަދު ސާމިހް އެވެ.

ދޯހަޅިއަންސްއިން މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ އިއްޔަ ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފޯރިގަދަ ކުޅުމަކަށް ފަހު ކަންމަތި އެފްސީގެ މަށްޗަށް 6-8 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދޯހަޅިއަންސްގެ އަހުމަދު ރައްޔާންއެވެ.

މުބާރާތުގެ ފައިނަލް މެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލް މެޗު ފަށާނީ 16:50 ގައެވެ. އަދި މުބާރާތުގެ ތިންވަނަ ހޮވުމަށް ސެމީފައިނަލްއިން ބަލިވި ދެ ޓީމުކަމަށްވާ ވިޑްސް އަދި ކަންމަތި ބައްދަލުކުރާއިރު، އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 16:10 ގައެވެ.

މި މުބާރާތަކީ ހަތަރު ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 11 ޓީމު ބައިވެރިވާ މުބާރާތެކެވެ. އަދި މި މުބާރާތަކީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދާ ގޮތަށް ކުޅޭ މުބާރާތެކެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ހުށައެޅިފައިވާ މި މުބާރާތުގެ މެޗުތަށް މިއަދުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ކޮކާ ކޯލާއެވެ. އަދި ކޯ ސްޕޮންސަރުންނަކީ އޭޑީކޭ ކޮމްޕެނީ އަދި ސޮނީ ސްޕޯޓްއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އެވެ.