އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް ދެން ރާއްޖޭގައި ހޯސްޓުކުރުމުގެ ވިސްނުން ނެތްކަމަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމުން ބުނެފިއެވެ.

މި މުބާރާތް މިއަހަރު ރާއްޖޭގައި ހޯސްޓުކުރުމުގެ ވިސްނުން ނެތްކަމަށް އެފްއޭއެމުން ބުނެފައިވާއިރު، ރާއްޖެއިން ވަނީ އިންޑިއާ އާއި ވާދަކޮށް މި މުބާރާތުގެ ގްރޫޕް ޑީގެ މެޗުތައް ހޯސްޓުކުރުމުގެ ބިޑު ކާމިޔާބުކުރުމަށްފަހު އެ ފުރުސަތު ދޫކޮށްލާފައެވެ.

މުބާރާތުގެ ޕްރީލިމިނަރީ ފަހު ބުރުގެ މެޗާއި ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން ގާތްވެފައިވަނިކޮށް ރާއްޖެއިން ހޯސްޓު ނުކުރެވޭނެ ކަން އެންގީ އެންމެ ފަހު ވަގުތުއެވެ. މީގެކުރިން ޕްރީލިމިނަރީ ފަހު ބުރުގެ މެޗު ކުޅެން އޮތީ މި މަހުގެ 11 ވަނަ ދުވަހު އެވެ. މި މެޗުގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރާއިރު، ރާއްޖެއިން މުބާރާތް ހޯސްޓު ނުކުރެވޭނެ ކަން އެންގީ ބެންގަލޫރު ރާއްޖެ އައިސްފަައިވަނިކޮށެވެ

މި މެޗު ކާމިޔާބުކުރާ ޓީމަކަށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބިގެންދާނެ އެވެ. ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް އޮތީ ތާވަލުކޮށްފައެވެ.

ރާއްޖެއިން އެންމެ ފަހު ވަގުތު މުބާާރާތް ކެންސަލްކުރީ އީގަލްސްއާ ދެކޮޅަށް ކުޅެން މާލެ އައި ބެންގަލޫރު ޓީމުން ކޮވިޑް-19 ގެ އުސޫލުތަކާ ޚިލާފުވެ ބައެއް ކުޅުންތެރިންނާއި އޮފިޝަލަކު މާލޭ މަގުތަކުގައި އުޅުނު މައްސަލަ ބޮޑުވުމުންނެވެ. އެއާއެކު ސަރުކާރުން ވަނީ މި މުބާރާތް ނުބޭއްވޭނެކަން އެފްއޭއެމަށް އަންގާފައެވެ. އެއާއެކު އެފްއޭއެމުން ވަނީ އެކަން އޭއެފްސީއަށް އަންގާފައެވެ.

އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދަދު ނޫހަށް މައުލޫމާތުދެމުން ވިދާޅުވީ ދެން މިފަހަރުގެ މުބާރާާތް ބާއްވަން ބިޑު ނުކުރާނެ ކަމަށެވެ. އެއީ ރާއްޖޭގެ ހާލަތު އޮތް ގޮތުން އެފަދަ މާހައުލެއް ނެތުމުންނެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އޭއެފްސީން މަސައްކަތްކުރަނީ ޖޫން ފަހުކޮޅު މި ސަރަހައްދުގެ ގްރޫޕުގެ މެޗުތައް ކުޅުމަށެވެ. އަދި ހޯސްޓުކުރުމަށް އަލުން ހުޅުވަާލާނެ ކަމަށް ބެލެވެއެވެ.

ކުއްލިގޮތަކަށް ރާއްޖެއިން އޭއެފްސީ ކަޕް ކެންސަލްކުރުމާއެކު އަދަބެއް ލިބުން ގާތްކަމަށް އެފްއޭއެމުގެ ރައީސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.