އިންގްލޭންޑު ޓީމުގެ ކެޕްޓަން ހެރީ ކޭން ބޭނުންވަނީ ޕޯޗުގަލްގެ ކްރިސްޓައާނޯ ރޮނާލްޑޯ އަދި އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ވާދަކޮށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމަށެވެ.

ހޯމަ ދުވަހު ކުޅުނު ވޯލްޑް ކަޕު ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންގްލޭންޑު، ޓިއުނޭޝިއާ އާއި ބައްދަލު ކުރިއިރު ކޭން ވަނީ އިންގްލޭންޑުން ކާމިޔާބުކުރި 2 ގޯލު އެޓީމަށް ޖަހައިދީފައެވެ. މީގެތެރެއިން ފަހު ވަގުތު ޓީމު މޮޅު ކުރުމުގައި ކާމިޔާބު ކުރި ލަނޑެއް ހިމެނެއެވެ.

ފާއިތުވި ދިހަ އަހަރު މެސީ އާއި ރޮނާލްޑޯ އަށް 5 ބެލޮންޑިއޯ ލިބިފައި ވާއިރު ކޭން ބުނެފައި ވަނީ އަމިއްލަ ނަފްސަށް ވަކި ލިމިޓެއް ދީގެން ކުރިޔަށް ނުދެވޭނެ ކަމަށެވެ. "ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމަށް ވިސްނަން ޖެހޭނީ ވަރަށް މައްޗަށް ދިޔުމަށް. އަހަރެން ކުޅެން ބޭނުންވަނީ ބޮޑު މުބާރާތެއް. އަހަރެން އެންމެ މަތީ ލެވެލްގެ ކުޅުންތެރިންނާއި ހަމަ އަށް ދެވޭނީ ބޮޑު މުބާރާތެއްގައި މޮޅަށް ކުޅެގެން" ކޭން ބުންޏެވެ.

"ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ، އަދި ހަމަ އެހެންމެ މެސީ އަކީ ވެސް އެލެވެލްގެ ކުޅުންތެރިއެއް. ވަރަށް ގިނަ ދުވަސް ވެއްޖެ ބޮޑު މުބާރާތެއްގައި ކުޅެން ބޭނުން ވެފައި ހުންނަތާ. ޕޮޗެޓީނޯ ވެސް އަހަންނަށް މެސެޖު ކުރި. ކޯޗު އަހަރެންނަށް ވަރަށް ސަޕޯޓު ދިން" އޭނާ ބުންޏެވެ.

ފާއިތުވެ ދިޔަ ހަތަރު ސީޒަނުގައި ކޭން ވަނީ 135 ގޯލު ކާމިޔާބު ކޮށްދީފައެވެ. ހަމަ އެހެންމެ މިދިޔަ ސީޒަނުގައި 41 ގޯލު ކާމިޔާބު ކުރިއިރު ޓޮޓެންހަމް ލީގު ނިންމާލީ ތާވަލުގެ ތިން ވަނައިގައި އޮވެގެންނެވެ. އިންގްލޭންޑަށް 25 މެޗު ކުޅެދީފައިވާއިރު ކޭންވަނީ 15 ގޯލު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އޭނާ އަކީ 1990 ވަނަ އަހަރު ގޭރީ ލިނެކާ އަށް ފަހު، މެޗެއްގައި ދެލަނޑު ޖެހި އިންގިރޭސި ކުޅުންތެރިޔާއެވެ.