ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފްރާންސްއާއި ޖާމަނީ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ފްރާންސްގެ ޕޮގްބާގެެ ބުރަކަށީގައި ޖަރުމަނުގެ ޑިފެންޑަރު ރުޑިގާ ދަތްއެޅިކަމަށް ބުނި މައްސަލަ ހޫނުވެއްޖެ އެވެ.

ޗެލްސީގެ ޑިފެންޑަރ އަދި ޖަރުމަނުގެ ގައުމީ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާ ރުޑިގާ މި މައްސަލައިގައި އަދި މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ. މި މައްސަލަ ބަލައިދިނުމަށް ޖަރުމަނުން މިހާރު ވަނީ ޔުއެފާގެ ކިބައިން އެދިފައެވެ.

މިކަން ހިނގައިދިޔަ ގޮތް ރިޕްލޭ އިން ފެންނަ ގޮތުން މިއީ ރުޑިގާ އަދި ޕޮގްބާ ދެ ކުޅުންތެރިން ކައިރީގައި ތިބި ދަނޑިވަޅުގައި ހިނގައިދިޔަ ކަމެކެވެ. ރުޑިގާ ހުރީ ޕޮގްބާގެ ފަހަތުގައެވެ. ރިޕްލޭ ފެންނަ ގޮތުން ޕޮގްބާގެެ ބުރަކައްޓާއި ދިމާލަށް ރުޑިގާާ މޫނު ގެންދާތަން ފެނެއެވެ. މޫނު ގާތްކުރިއިރު ރުޑިގާ ދިޔައީ ޕޮގްބާގެ މޭކަށިގަނޑާއި ދިމާލުން އެއް އަތް ވަށާލާލަމުންނެވެ.

މިކަން ހިނގައިދިއުމުން ޕޮގްބާ ވަނީ ރެފްރީގެ ކައިރީ ޝަކުވާކޮށްފައެވެ. އަދި ވީއޭއާރު ބެލުމަށްފަހު މައްސަލަ ނިންމައިދިނުމަށް ޕޮގްބާ އެދުނެވެ. ނަމަވެސް ރެފްރީ އެކަމެއް ނުކުރިއެވެ.

މިކަމާއި ގުޅިގެން މީސްމީޑިއާގައި އެކި ގޮތްގޮތަށް ދަނީ ވާހަަކަދެކެވެމުންނެވެ. ދަތްއަޅާ މައްސަލައިގައި އެންމެ ފުރަތަމަ އަދަބުދިން އެއް ކުޅުންތެރިއަކީ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. ވޯލްޑްކަޕުގައި އިޓަލީގެ ޑިފެންޑަރު ޗިއެލީނީގެ ކޮނޑުގައި ދަތްއެޅި މައްސަލައިގައި އޭނާއަށް ބޮޑު އަދަބެއް އައެވެ.

https://twitter.com/cfcavir/status/1404890693957476364?s=21

ރުޑިގާ ވަނީ ސުއަރޭޒްގެ ކިބައިން ދަތްއެޅުމުގެ ތަމްރީނުތަކެއް ހަދާފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ވަނީ ޖޯކުޖަހާފައެވެ. އަނެއް ބަޔަކު ވަނީ މިއީ ސީރިއަސް މައްސަލައެއް ކަމަށް ބުނެ ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިފައެވެ.

މިކަން ހިނގައިދިޔަ އިރު އެކި ޓީވީތަކުގަައި ހަރަކާތްތެރިވަމުން ދިޔަ މަޝްހޫރު ފުޓުބޯޅަ އެނަލިސްޓުން ވަނީ އެކި ގޮތްގޮތަށް ވާހަކަދައްކާފައެވެ. ފްރާންސްގެ ތަރި ޕެޓްްރިކް ވިއެރާ ބުނީ ދަތްއެޅުމުން ކުޅުންތެރިއަކަށް ވާ ގޮތް ޕޮގްބާއަށް ވި ކަމަށާއި ރުޑިގާ އެވަގުތު ކުރިކަމެއް ސާފުކޮށް ނުފެންނަ ކަމަށެވެ.

މިކަމުގައި ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ރޯއި ކީން ބުނީ ކުޑަކޮށް ދަތް އެޅިހެން ހީވާ ކަމަށާއި މަންޒަރު މުޅިން ސާފުނުވާ ކަމަށެވެ.