ޑެންމާކް މުބާރާތުގެ ކުޅުނު ފުރަތަަމަ މެޗުގައި ޕެރޫ އަތުން މޮޅުވެ، އެ ޓީމު ވަނީ ފެށުން ރަނގަޅުކޮށްފަ އެވެ. އެކަމަކު އެ މޮޅަކީ ޑެންމާކަށް ފަސޭހަމޮޅެއް ނޫނެެވެ. މެޗުގެ ގިނަ ވަގުތުގައި ޑެންމާކަށް ޖެހުނީ ޑިފެންސްކުރާށެެވެ.

އެކަމަކު ގުރޫޕްގައި ކުޅެންޖެހޭ ދެވަނަ މެޗުގައި މިއަދު އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނައިރު، ޑެންމާކުން އުންމީދުކުރާނީ ފުރަަތަމަ މެޗަށްވުރެ ރަނގަޅު ކުޅުމަކަށެވެ.

މި މެޗަށް ނުކުންނަައިރު، ޑެންމާކްގެ ވިލިއަމް ކްވިސްޓް އަށް ވަނީ އަނިޔާވެފަ އެވެ. މިއަދުގެ މެޗުގައި އޭނާގެ ބަދަލުގައި ކުޅޭނެ ކަަށް ބެލެވެނީ ލާސް ސްކޯނެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވި ނަމަވެސް، އޮސްޓްރޭލިއާ ވަނީ އެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ދެހާސް ހަ ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން ފުރަތަމަ ފަހަރަށް މުބާރާަތުގެ ގުރޫޕް ސްޓޭޖުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދާ އޮސްޓްރޭލިއާ އަށް، އެ އުންމީދު ދެމެހެއްޓޭނީ މިއަދު ޑެންމާކް އަތުން ރަނގަޅު ނަތީޖާއެއް ހޯދައިގެނެވެ.

މި މެޗަށް ނުކުންނައިރު، އޮސްޓްރޭލިއާގެ ކޯޗު ބާޓް ވެން މާވިކަށް އަނިޔާގެ މާބޮޑު ފިކުރެއް ނެތެވެ.

މިއީ ވޯލްޑް ކަޕެއްގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން އެކުވެރިކަމުގެ މެޗުތަކުގައި ތިން ފަހަރު މި ދެ ޓީމު ވަނީ ބައްދަލުކޮށްފަ އެވެ. ދެ މެޗުން ޑެންމާކް މޮޅުވިއިރު، އެއް މެޗުން އޮސްޓްރޭލިއާ ވަނީ މޮޅުވެފަ އެވެ.

ޑެންމާކް:

1986 ވަނަ އަހަރުގެ ފަހުން، ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެ މެޗުން ޑެންމާކް މޮޅެއް ނުވޭ.

ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެ މެޗުގައި ޑެންމާކަށް "ކްލީން ޝީޓެއް" ނުހެދޭ

ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން ވަނީ އެންމެ ފަހުން ކުޅުނު 14 މެޗުން 12 ލަނޑު ޖަހައިފަ.

އޮސްޓްރޭލިއާ:

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އޮސްޓްރޭލިއާ ވަނީ ބަލިވެފަ.

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު 14 މެޗުގައި އޮސްޓްރޭލިއާ އަށް "ކްލީން ޝީޓެއް" ހެދުނީ އެންމެ މެޗަކުން.

ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން އޮޮސްޓްރޭލިއާ ވަނީީ ބަލިވެފަ.

އެނގޭތަ؟

އޮސްޓްރޭލިއާގެ ޑެނިއެލް އަރްޒާނީ ،19، އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އެވެ.