ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ގައުމީ ޓީމަށްއެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އީރާންގެ އަލީ ދާއީ ހަދާފައިވާ ރެކޯޑާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަރާ ހަމަކޮށްފިއެވެ.

މިފަހަރުގެ ޔޫރޯގައި ގިނަ ރެކޯޑުތަކެއް އާކުރަމުން އަންނަ ރޮނާލްޑޯ ވަނީ މިއަދު ޖެހި ދެ ލަނޑާއެކު 109 ލަނޑު ގައުމީ ޓީމަށް ޖަހައިދީފައެވެ. އަލީ ދާއީގެ މި ރެކޯޑާއި އަރާ ހަމަކުރިއިރު އޭނާ ވަނީ ޔޫރޯ އަދި ޕޯޗުގަލްގެ ފުޓުބޯޅައިގެ ގިނަ ރެކޯޑުތަކެއް މި މުބާރާތުގައި އާކޮށްފައެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ފްރާންސާއި ދެކޮޅަށް ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 31 ވަނަ މިނެޓުގައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. ރެކޯޑާއި އަރާ ހަމަކުރި ލަނޑު އޭނާ ޖަހާފައިވަނީ ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައެވެ. މިއީވެސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެެވެ.

ޔޫރޯގައި މިހާތަނަށް އޭނާ ޖެހި ލަނޑުތަކާއެކު ރޮނާލްޑޯ ވެގެންގޮސްފައިވަނީ ޔޫރޯގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ. މިހާތަނަށް މި މުބާރާތުގައި އޭނާ ޖެހި ފަސް ލަނޑާއެކު ޔޫރޯގައި އޭނާ ޖެހި ޖުމްލަ ލަނޑުތަކުގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

މި ލިސްޓުގެ ގަދަ 7 ގެ ތެރޭގައި ރާއްޖޭގެ އަލީ އަޝްފާގުވެސް މީގެކުރިން ހިމެނުނެވެ. ނަމަވެސް ގައުމީ ޓީމުގައި ލަނޑު ނުޖަހާ ގިނަދުވަސް ވުމުން އެހެން ކުޅުންތެރިން ވަނީ އަޝްފާގު ފަހަތަށް ޖައްސާލާފައެވެ.

=