މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު ޔޫރޯ 2020 ގެ ދެވަނަބުރުގެ ފަހު މެޗުގައި ސްވިޑަން ބަލިކޮށް އިންގްލޭންޑާއި ދެކޮޅަށް ކުޅޭ ޓީމަކަށް ޔޫކްރެއިން ވެއްޖެއެވެ.
ސްކޮޓްލޭންޑުގައި ކުޅުނު މި މެޗު ޔޫކްރެއިން ކާމިޔާބުކޮށްފައިވަނީ ސްވިޑަން އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ޔޫރޯގެ ތާރީހުގައި އެ ޓީމު މުބާރާތެއްގެ ކުއާޓާފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ޔޫކްރެއިން ވަނީ 2006 ގެ ވޯލްޑްކަޕްގެ ކުއާޓާފައިނަލުގައި ވެސް ވާދަކޮށްފައެވެ.
ދެވަނަބުރުގައި ހޯދި މި މޮޅާއެކު މުބާރާތުގެ ކުއާޓާފައިނަލުގައި ޔޫކްރެއިން ބައްދަލުކުރާނީ ދެވަނަބުރުގައި ޖަރުމަނު ބަލިކުރި އިންގްލޭންޑާއެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ވެސް ޔޫކްރެއިން އެވެ. ކެޕްޓަން ޒިންޗެންކޯ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މި ގޯލަށްފަހު ސްވިޑަން އިން ކުރިޔަށްޖެހި އިތުރު ފުރުސަތުތަކެއް ތަނަވަސްކުރެވޭތޯ މަސައްކަތްތަކެއް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ސްވިޑަން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވވެ. އޭރިއާ ބޭރުން ފޯސްބާގް ފޮނުވާލި ހަމަލާ ގޯލަށް ވަދެފައިވަނީ ޔޫކްރެއިން ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެންނެވެ.

ދެވަނަ ހާފު ފެނުނީ ދާދި ހަމަހަމަކޮށެވެ. ސްވިޑަންގެ ފޯސްބާގް ނުރައްކާ ބޮޑުވެ، އޭނާ ފޮނުވާލި ދެ ހަމަލާއެއް ދަނޑިއަށް އަމާޒުވިއިރު، ޔޫކްރެއިންގެ ކުޅުންތެރިއެއް ފޮނުވާލި ހަމަލާވެސް ވަނީ ދަނޑިއަށް އަމާާޒުވެފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވުމުން ދެން ކުޅުނީ އިތުރުވަގުތުގެ ދެ ހާފެވެ.

އިތުރުވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ސްވިޑަން އަށް މައްސަލަތަކެއް ކުރިމަތިވީ ނުރައްކާތެރި ފައުލެއް ކުރުމާއި ގުޅިގެން އެ ޓީމުގެ ޑެނިއަލްސަން އަށް ރަތްކާޑު ދެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމާއި އެކު ސްވިޑަން އަށް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު ތަން ފެނިގެންދިޔަ އެވެ.

ޔޫކްރެއިން މެޗު ކާމިޔާބުކުރި ލަނޑު ޖަހާފައިވަނީ މެޗުގެ އިތުުރުވަގުތުގެ ދެވަނަ ހާފު ނިމެން ގާތްވެފައިވަނިިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކށްދިނީ ޑޮވްބީކް އެވެ.