މެސްކް އިން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ރަމަޟާން ކަޕް 1439 ފުޓްސަލް މުބާރާތުގެ ސެމީފައިނަލަށް ރެވެންޖާސް، ޑިވައިން ބޯއިސް، ލޮރެންޒޯ، ޕާކް ހިޔަޓް މޯލްޑިވްސް ހަނޑަހާ ދަތުރު ކޮށްފިއެވެ.

ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއި އެކީ ޑިވައިން ބޯއިސް ދަތުރު ކުރި އިރު 4 ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރު ކުރީ ޕާކް ހިއަޓް މޯލްޑިވްސް ހަނޑަހާއެވެ.

ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާއި އެކު ކްލަބު ރިވެންޖާސް ސެމީ ފައިނަލަށް ދަތުރު ކުރި އިރު، 4 ޕޮއިންޓާއި އެކު ގުރޫޕް ބީގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީ އަށް ދަތުރު ކޮށްފައި ވަނީ ގޯލް ތަފާތާއި އެކު ލޮރެންޒޯ އެވެ.

ގުރޫޕް ސްޓޭޖުގެ ފަހު ދެމެޗު ރޭ ކުޅެ ނިމުނު އިރު، މި މެޗު ތަކުގައި ކުޅުނީ ޔަންގް ސްޓާސް އަދި އޯލްޑް ސްޓާސް އެވެ. އަދި ދެވަނަ މެޗުގައި ބައްދަލު ކުރީ ޕާކް ހިޔަޓް މޯލްޑިވްސް ހަނޑަހާ އަދި އެފްސީ ހަނޑަހާ އެވެ.

ފުރަތަމަ މެޗުގައި 13-5 ގެ ނަތީޖާ އަކުން އޯލްޑް ސްޓާސް މޮޅުވި އިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޖާޒީ ނަމްބަރު 14 ޝަފީޒް އަހްމަދުއެވެ. ދެވަނަ މެޗުގައި ޕާކް ހިޔަޓް މޯލްޑިވްސް ހަނޑަހާ އަދި އެފްސީ ހަނޑަހާ ބައްދަލު ކުރި މެޗު 5-2ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ޕާކް ހިޔަޓް މޯލްޑިވްސް ހަނޑަހާއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޕާކް ހިޔަޓް މޯލްޑިވްސް ހަނޑަހާގެ ޖާޒީ ނަމްބަރު 4 ޖަމްޝާދު ރާމިޒް އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅެވޭނީ މިމަހު 25 ވަނަ ދުވަހުގެ ރޭ، 20:30 ގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލޮރެންޒޯ އަދި ޑިވައިން ބޯއިސް ބައްދަލު ކުރާއިރު ދެވަނަ ސެމީ ގައި ބައްދަލު ކުރާނީ ކްލަބު ރިވެންޖާސް އަދި ޕާކް ހިޔަޓް މޯލްޑިވްސް ހަނޑަހާއެވެ. މި މެޗުތައް މެސްކްގެ ފޭސްބުކް ޕޭޖުގައި ލައިވް ކުރާނެއެވެ.