ރާއްޖޭގެ ފުޓުބޯޅައިގެ ކަންކަން މައިގަނޑު ގޮތެއްގައި މިހާތަނަށް ކުރިޔަށްދިޔައީ ވެރިރަށް މާލޭގައެވެ. މީގެކުރިން މިނިވަން ޗެމްޕިއަންޝިޕުގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓުބޯޅައިގެ ހަރަކާތްތަށް ފުޅާކުރުމަށް އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެ ހުރިހާ ތަޖުރިބާތަކާއެކު އެފްއޭއެމުން މިިހާރު ތައްޔާރުވަމުން އަންނަނީ ރާއްޖޭގެ ފުޓުބޯޅަ އިންގިލާބީ ބޮޑު ގެންދިއުމަށެވެ. އެއީ ރާއްޖޭގެ ލީގު ފޯމެޓު މުޅި ރާއްޖެއަށް އަމާޒުކުރުމަށެވެ. އެހެންކަމުން 2023/24 ވަނަ އަހަރުގެ ލީގު ފޯމެޓް މުޅި ރާއްޖެއަށް އަމާޒުކުރުމަށް މިހާރު ވަނީ ޕްލޭން ނިމިފައެވެ.
މި ޕްލޭނަކީ އެފްެއޭއެމުގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލްގެ ވައުދެކެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހަމަހަމަކަން ލިބޭގޮތަށް ބައްޓަންކޮށްފައިވާ މި ފޯމެޓާއެކު އެންމެ ބޮޑަށް ފާހަގަވަނީ ހަތަރު ޒޯނަކަށް ބަހާލުމެވެ. މި ހަތަރު ޒޯނުގައި އެ ޒޯނެއްގައި ހިމެނޭ އަތޮޅުތަކުގެ ރަށްތަކާާއެކު ގިނަ ފުރުސަތުތަކެއް ލިބިގެންދެއެވެ.
ރާއްޖޭގެ ލީގު ބަހާލާ ހަތަރު ޒޯން
ޒޯން 1 : ހއ، ހދ، ށ، ނ، ރ
ޒޯން 2 : ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ
ޒޯން 3 : ތ، ލ، ގއ، ގދ، ޏ، ސ
ޒޯން 4 :މާލެ، ހުޅުމާލެ، ވިލިމާލެ
ރާއްޖޭގެ މީޑިއާތަކަށް ލީގުގެ އާ ފޯމެޓާއި ގުޅޭ މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މި އާ ފޯމެޓާއެކު އަތޮޅުތެރޭގެ ފުޓުބޯޅައަަށް އަންނަ ބަދަލުތައް ހިއްސާކޮށްދެއްވާފައެވެ. މި ބަހާލެވޭ ހަތަރު ޒޯނާއެކު ކޮންމެ ޒޯނެއްގައި ވެސް ހަތަރު ޑިވިޝަންތަަކަށް ބަހާލެވިގެންދެއެވެ.
ރާއްޖޭގެ އާ ލީގު ފޯމެޓު ހާމަކޮށްދެއްވީ އެކަމަށް ހާއްސަކޮށް އެފްއޭއެމުން އައްޔަނުކުރި މުހައްމަދު އާދަމެވެ. އޭނާއަކީ މީގެކުރިން މިނިވަން ޗެމްޕިއަންޝިޕް އޮގަނައިޒްކުރުމުގައި ވެސް އެންމެ އިސް ދައުރު އަދާކުރި އެކަކެވެ.
އޯޕަން ޑިވިޝަން
މި ޑިވިޝަނުގައި ބޭނުން އަދަދަކަށް ޓީމުތަައް ބައިވެރިވެވެއެވެ. އަދި އެ ޒޯނަކުން ބައިވެރިވާ ޓީމުތަކާއެކު އޯޕަން ޑިވިޝަން ކުރިޔަށްދާނީ ގްރޫޕުތަކަށް ބަހާލުމަށްފަހު އެވެ. މި ޑިވިޝަނުގައި ބައިވެރިވާން ބޭނުންވާ ޓީމުތައް އެ ޒޯނެއްގައި ރަޖިސްޓްރީވެފައިވާ ޓީމަކަށް ވާންޖެހޭނެ އެވެ. އަދި ރަށަކުން އެއް ޓީމަށްވުރެ އިތުރަށްވެސް މި ޑިވިޝަނުގައި ބައިވެރިވެވޭނެ އެވެ. އަދި ކޮންމެ ގްރޫޕެއްގެ މެޗުތައްވެސް ކުޅޭނީ ސެންޓްރަލައިޒް ދަނޑެއްގައެވެ. މި ފުރުސަތު އެފްއޭއެމުން ހުޅުވާލާނެއެވެ.
ތިންވަނަ ޑިވިޝަން
އޯޕަން ޑިވިޝަނުން ކޮލިފަައިވާ ޓީމުތައް އެ ޒޯނެއްގައި ހަ ގްރޫޕަކަށް ބަހާލެވޭނެއެވެ. މީގެތެރެއިން ތިންވަނަ ޑިވިޝަނަށް ކޮލިފައިވާނީ 18 ޓީމެވެ. އެއީ ކޮންމެ ގްރޫޕަކުން ތިން ޓީމެވެ. ބާކީ ހިމެނޭ 15 ޓީމު ތިންވަނަ ޑިވިޝަނުގައި މަޑުކުރާނެ އެވެ. 2021-22 ވަނަ ސީޒަނުގައި އެއްވެސް ފައިނަލެއް އަދި ރެލިގޭޝަނެއް ނުކުޅޭނެ އެވެ. މި މެޗުތައް ކުޅޭނީ ބިޑް ޕްރޮސެސްއެއްގެ ދަށުން ހޮވޭ ސެންޓްރަލައިޒް ދަނޑެއްގައެވެ.
ދެވަނަ ޑިވިޝަން
މި ޑިވިޝަނުގައި ތިންވަނަ ޑިވިޝަނުން ކޮލިފައިވާ ޓީމުތައް ބަހާލާލީ ހަތަރު ގްރޫޕަކަށެވެ. މި ގްރޫޕުތަކުގެ ގުރު ނަގާނީ ހާއްސަ ޕްރޮސެސްއެއްގެ ތެރެއިންނެވެ. މީގެތެރެއިން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާނީ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ. ހަތަރު ގްރޫޕަށް ބަލާއިރު އެއީ ޖުމްލަ 8 ޓީމެވެ. މި ޑިވިޝަނުގައި ދެން ބާކީ ހިމެނޭ 10 ޓީމު ދެވަނަ ޑިވިޝަނުގައި މަޑުކުރާނެ އެވެ.
މި ޑިވިޝަނުގެ 2021/22 ވަނަ ސީޒަނުގައި އެއްވެސް ފައިނަލެއް އަަދި ރެލިގޭޝަން މެޗެއް ނުކުޅޭނެއެވެ. ކޮންމެ ގްރޫޕެއްގެ މެޗުތައްވެސް ކުރިޔަށްދާނީ ސެންޓްރަލައިޒް ދަނޑުތަކެއްގައެވެ. މި ދަނޑުތައް ހޮވާނީ އެފްއޭއެމުން ހުޅުވާލާ ބިޑް ޕްރޮސެސްއެއްގެ ތެރެއިންނެވެ.
ފުރަތަމަ ޑިވިޝަން
ފުރަތަމަ ޑިވިޝަނުގެ މެޗުތައް ކުރިޔަށްދާނީ ދެވަނަ ޑިވިޝަނުން ހޮވޭ ޓީމުތަކުގެ މެދުގައި ރައުންޑް ރޮބިން އުސޫލުން އެއް ބުރަށެވެ. މި ޑިވިޝަނުން ޗެމްޕިއަންކަން ލިބޭ ޓީމެއް 2023-24 ވަނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާނެ އެވެ. ފުރަތަމަ ޑިވިޝަނުގައި އެއްވެސް ރެލިގޭޝަން މެޗެއް ނުކުޅޭނެއެވެ.
މި ޑިވިޝަންތަކަކީ މިހާރުވެސް މާލޭގައި ކުރިޔަށްދާ ގޮތެވެ. އަލަށް އެކުލަވާލާ ފޯމެޓާއެކު ކޮންމެ ޒޯނެއްގައި ވެސް ޑިވިޝަންތަކަކަށް ބަހާލެވިގެންދާނެ އެވެ. އަދި ގިނަ ކުޅުންތެރިންނާއި ޓީމުތަކަކަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.
ކޮލިފައިންގެ ބުރުތައް ނިމުމަށް ފަހު ޕްރިމިއާ ލީގުގައި ވާދަކުރާނީ 12 ޓީމެކެވެ. މި ޓީމުތަކާއެކު މުބާރާތަށް ހާއްސަ ރެފްރީންނާއި ކޮމިޝަނަރުން ތަމްރީނުކުރުމަށް ވެސް އެފްއޭއެމުން ވަނީ ނިންމާފައެވެ.
"ހަގީގަތުގައި މިއީ ބޮޑު ކަމެއް، ބައިވަރު ކަންތައްތަަކެއް މިގެތެރޭގައި އެބަ ހިނގާ، ބައިވަރު ކޯޗުން ތަމްރީނު ކުރަންޖެހޭ ވަރަށް ބައިވަރު ރެފްރީން މެޗު ކޮމިޝަނަރުން އަންނަން ޖެހޭ، މީހުންވެސް ބޭނުންވޭ، " ބައްސާމް ވިދާޅުވިއެވެ.
އެފްއޭއެމުގެ ޓާގެޓަކީ ކުރިޔަށްއޮތް އީދާއި ބަންދަށްފަހު އަންނަ އޯގަސްޓުމަހު ލީގުގެ މަސައްކަތް ފެށުމަށެވެ. އެކަމާއި ގުޅޭ ގިނަ ތައްޔާރީތަކެއް އެފްއޭއެމުން ދަނީ ވަމުންނެވެ.
މމމ މިތަނުގައި ވާއެއްޗެއް އަދި ނުވާއެއްޗެއްވެސް ނޭނގުނު🤷♀️ބޯގޮވައިފި
މޮޅެތި ފޯމެޓްތަކަށް ލީގު ޑިޒައިން ކުރެވިދާނެ. ތިޔަ ފޯމެޓަކީ އަތޮޅުތެރޭގައި ވޯކުކުރާނެ ފޯމެޓެއް ނޫން. މުޅި އަހަރު ދުވަހު އަތޮޅުތެރޭ ޓީމުތަކުގެ ކުޅުންތެރިންނަށް ފުޓްބޯޅައަށް ހުސްވެގެނެއް ނުތިބެވޭނެ. ފުޓްބޯޅައަކުން އެމީހުންނަށް އެމީހުންގެ އާއިލާއާއި ދިރިއުޅުމުގެ ހަރަދުބަރަދެއް ހަމަޖައްސައެއް ނުދެވޭނެ. މިކަންކަން ފުޓްބޯޅައިގެ ތެރެއިން ހަމަނުޖެހޭހާ ހިނދަކު ތިޔަކަހަލަ ފޯމެޓްތަކެއް ވޯކެއް ނުކުރާނެ.
ތި ދާނީ ޗޮކުން ::::ލޮލް
އިންގިލާބީ ބަދަލު އައިސްއައިސް ފުޓުބޯޅަ އޮޔާދަނީ؟! ފުޓުބޯޅަވެސް ސިޔާސީވެ ނިމިއްޖެ ދެނެއް ދިވެހިރާއްޖޭގައި ފުޓުބޯޅަ ކުރިޔަކަށް ނާރާނެ! ވަރަށް ސަލާމް ބައްސާމަށް