ކެޕްޓަން ހެރީ ކޭން މެޗުގެ ފަހު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު އިންގްލެންޑް ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ޕެނަމާ އަތުން މޮޅުވެފަ އެވެ. މިއީ 2006 ވަނަ އަހަރުގެ ފަހުން، ބައިނަލްއަޤުވާމީ މުބާރާތެއްގެ ފުރަތަމަ މެޗުން އިންގްލެންޑް މޮޅުވި ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕްގެ ދެވަނަ މެޗުގައި މިއަދު ޕެނަމާއާ ދެކޮޅަށް ނުކުންނައިރު، މި މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު އިންގްލެންޑަށް އެބައޮތެެވެ. މި މެޗަށް ނުކުންނައިރު، އަނިޔާގެ ސަބަބުން އިންގްލެންޑްގެ މިޑްފީލްޑަރ ޑެލޭ އަލީ އަށް މިއަދުގެ މެޗުގައި ނުކުޅެވޭނެ އެވެ. އަލީގެ ބަދަލުގައި މިރޭގެ މެޗުގައި ކުޅޭނެ ކަމަށް ބެލެވެނީ ރުބެން ލޮފްޓަސް ޗީކެވެ.

މެޗުގެ ކުރިން އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި އެ ފަދަ ގޭމެއް މިއަދުގެ މެޗުގައި ވެސް ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މުބާރާތުގައި ކުޅުނު ފުރަަތަމަ މެޗުގައި ބެލްޖިއަމް އަތުން ޕެނަމާ ވަނީ ބަލިވެފަ އެވެ. ވޯލްޑް ކަޕްގައި މުޅިން އަލަށް ވާދަކުރާ ޕެނަމާ އަށް ދެވަނަ ބުރުގެ ފުރުސަތެއް އޮންނާނީ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރިގެނެވެ.

ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަމާ އިން ވަނީ ފިސިކަލް ގޭމެއް ކުޅެފަ އެވެ. ޕެނަމާގެ ފިސިކަލް ގޭމްގެ ސަބަބުން ބެލްޖިއަމް އަށް ވެސް ކޮންމެ ވެސްް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި އެވެ. އިންގްލެންޑްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް، ޕެނަމާގެ ފަރާތުން އެ ފަދަ ގޭމެއް ފެންނާނެ ކަމަށް ބެލެވެ އެވެ.

އިންގްލެންޑް:

ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ދެ މެޗުން އިންގްލެންްޑް މީގެ ކުރިން މޮޅުވެފައިވަނީ އެންމެ ދެ ފަހަރު.

އިންގްލެންޑް އެންމެ ފަހުން ކުޅުނު 11 މެޗުން ބައްޔެއް ނުވޭ.

މި އަހަރުގެ ވޯލްޑްކަޕްގެ ފުރަަތަމަ މެޗުގައި ޓިއުނީޝިއާ އަތުން އިންގްލެންޑް މޮޅުވީ ވޯލްޑް ކަޕްގައި މޮޅުނުވެ ހަތަރު މެޗަށް ފަހު.

ޕެނަމާ:

ޔޫރަޕްގެ 10 ޤައުމަކާ ދެކޮޅަށް ޕެނެމާ މިހާތަނަށް ކުޅެފައިވާއިރު، އެންމެ މޮޅެއް ވެސް ނުލިބޭ.

ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމް ކޮޅަށް ޕެނަމާ ހެދި ޝޮޓުގެ އަދަދަށްވުރެ، އެ ޓީމަށް ދެއްކި ރީނދޫ ކާޑުގެ އަދަދު ގިނަ. ޕެނަމާ އަށް ހެދުނީ ދެ ޝޮޓް. މެޗުގައި ޕެނަމާ އަށް 5 ރީނދޫ ކާޑު ދެއްކި.

އެނގޭތަ؟

ޕެނަމާ އަކީ ވޯލްޑް ކަޕެއްގައި އިންގްލެންޑްއާ ދެކޮޅަށް ނުކުންނަ 38 ވަނަ ޤައުމެވެ. އަލަށް ބައްދަކުރާ ޤައުމަކާ ދެކޮޅަށް ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު 37 މެޗުގެ ތެރެއިން އިންގްލެންޑް ބަލިވީ 5 މެޗުންނެެވެ.