ހެރީ ކޭންގެ ހެޓްރިކާއެކު ޕެނަމާގެ މައްޗަށް 1-6 އިން ކުރި ހޯދައި ވޯލްޑް ކަޕްގެ ދެވަނަ ބުރަށް އިންގްލޭންޑް ދަތުރުކޮށްފިއެވެ.

މި މޮޅާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓު އިންގްލޭންޑަށް ލިބިފައިވާއިރު ބެލްޖިއަމް އަށް ވެސް ހަމަ މި އަދަދަށް ވަނީ ޕޮއިންޓު ލިބިފައެވެ. މި ގްރޫޕުން އިންގްލޭންޑްގެ އިތުރުން ދެން ދެވަނަ ބުރަށް ދަތުރުކުރީ ވެސް ބެލްޖިއަމްއެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޕެނަމާ އާއި ޓިއުނީޝިޔާ އަށް ޕޮއިންޓެއް ލިބިފައި ނުވާއިރު އެ ދެ ޓީމުވެސް ވަނީ މުބާރާތުން ކަޓާފައެވެ.

އިންގްލޭންޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ އަށްވަނަ މިނެޓްގައި ޖޯން ސްޓޯންސް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޕެނަމާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ 22 ވަނަ މިނެޓްގައި އިންގްލޭންޑަށް ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ޕެނަލްޓީ އިންގްލޭންޑަށް ލިބުނީ ޕެނަމާގެ ކުޅުންތެރިއަކު ޖެސީ ލިންގާޑަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ގޯލަށްފަހު ސްޓޯންސް އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

އިންގްލޭންޑުން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ގޯލު މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިންގާޑެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޕެނަމާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ސްޓޯންސް އިންގްލޭންޑް ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީ އަކުން ކޭން ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ޕެނަލްޓީ އިންގްލޭންޑަށް ލިބުނީ ޕެނަމާގެ ކުޅުންތެރިއަކު ކޭން އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ފަސް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އިންގްލޭންޑުން ނިންމާލިއިރު މެޗުގެ 62 ވަނަ މިނެޓްގައި ކޭން ވަނީ އެޓީމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ. މިއަދުގެ މެޗުގައި ކޭން ކާމިޔާބުކުރި ތިން ގޯލާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ ފަހަކަށް އަރާފައެވެ.

ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް އިންގްލޭންޑަށް މި މެޗުގައި ލިބިފައިވާއިރު ޕެނަމާގެ ހަމައެކަނި ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފެލިޕޭއެވެ.

ލިންގާޑް ގޯލު ކާމިޔާބުކުރަނީ - ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުން އިންގްލޭންޑް މޮޅުވިއިރު މިއީ ވޯލްޑް ކަޕެއްގެ ގްރޫޕްގެ ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން އިންގްލޭންޑް މޮޅުވި ތިންވަނަ ފަހަރެވެ. މީގެކުރިން އެޓީމަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފައިވަނީ 1982 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ.

މީގެއިތުރުން މިއީ ބޮޑު މުބާރާތެއްގައި އިންގްލޭންޑަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު މޮޅުކަން ވެސް ފާހަގަކޮށްލެވެއެވެ.

ދެވަނަ ބުރަށް އިންގްލޭންޑް ދަތުރުކޮށްފައިވާއިރު މި ގްރޫޕްގައި އެޓީމަށް ބާކީ އަދި އެއް މެޗު އެބައޮތެވެ. އެ މެޗުގައި އެޓީމުން ނިކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. ޕެނަމާ ބައްދަލުކުރާނީ ޓިއުނީޝިޔާއާއެވެ.