ކެންޔާގެ ނެއިރޯބީގައި އަންނަ މަހު ބާއްވާ 20 އަހަރުންދަށުގެ ދުނިޔޭގެ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރާ އެތްލީޓަކަށް ރާއްޖޭގެ އުއްމީދީ ދުވުންތެރިޔާ އާއިޝަަތު ހިމްނާ ހަސަން ހޮވިއްޖެ އެވެ.

އަންނަ މަހުގެ 17 އިން 22 ގެ ނިޔަލަށް ބާއްވާ މި މުބާރާތުގައި ހިމްނާ ވާދަކުރާއިރު އޭނާއަކީ ރާއްޖޭގެ އެތްލެޓިކްސްގެ އަންހެން ބައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އެތްލީޓެކެވެ. ސްކޫލް ދައުރުން ފެށިގެން އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ހިމްނާ ވަނީ 2019 ވަނަ އަހަރުގެ ކަލާސް އެވޯޑް ހޯދާފަައެވެ. އަދި ރާއްޖޭގެ ތިން ރެކޯޑެއްވެސް އޭނާ ހަދާފައިވެއެވެ. އެއީ 2018 އަދި 2019 ވަނަ އަހަރު ހެދި 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑާއި 400 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރެކޯޑާއި 400 މީޓަރު ދުވުމުން ގައުމީ ޔޫތު ރެކޯޑެވެ.

ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއްގައި ވެސް ހިމްނާ މިހާތަނަށް ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ. އެގޮތުން 2018 ވަނަ އަހަރު ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕާއި އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގެ އިތުރުން ސައުތު އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް އަދި އޭޝިއަން ގޭމްސްގައި ހިމްނާ ވާދަކުރި އެވެ.

އަދި އޭގެފަހުން 2019 ވަނަ އަހަރު ހިމްނާ ވަނީ ވޯލްޑް ޗެމްޕިއަންޝިޕްގެ އިތުރުން އޭޝިއަން ޔޫތު ޗެމްޕިއަންޝިޕާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަދި ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށްފައެވެ.