19 ވަނަ އިންޓަ ރިސޯޓް ވޮލީބޯލް ޓޯރނަމެންޓްގެ ފެށުން ބަނޑޮސް މޯލްޑިވްސް އިން ރަނގަޅު ކޮށްފިއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ބަނޑޮސް އައިލެންޑްގައި ކުޅެވުނު މެޗު ބަނޑޮހުން ކާމިޔާބުކުރީ މީރު އައިލެންޑް އެންޑް ސްޕާ އާއި ބައްދަލުކޮށް 1-3 ސެޓުންނެވެ.

ބަނޑޮސް އާއި މީރު ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މެޗުގެ ފުރަތަމަ ސެޓު ބަނޑޮސް އިން ގެންދިޔައީ ފަސޭހަ ކަމާއި އެކު 25-15 އިންނެވެ. ނަމަވެސް ދެވަނަ ސެޓު ފަހަތުން އަރައި ކާމިޔާބު ކުރީ މީރެވެ. އެ ސެޓު ފޯރިގަދަ ކުޅުމަކަށްފަހު މީރުން ކާމިޔާބު ކުރީ 25-23 އިންނެވެ. މެޗުގެ ފަހު ދެ ސެޓު ބަނޑޮސް އިން ކާމިޔާބުކޮށްފައިވާ އިރު އެ ސެޓުތަށް އެޓީމުން އިން ކާމިޔާބުކުރީ 21-25 އަދި 25-10 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ބަނޑޮސްއަށް ގިނަ ޕޮއިންޓްތަކެއް ހޯދައިދިން އެޓީމުގެ ޖާޒީ ނަންބަރު 10، އަހުމަދު އަބްދުލް ކަރީމްއެވެ.

ބަނޑޮސް އާއި މީރު ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މި މުބާރާތުގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވީ ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ އިންޓަރ ރިސޯޓް ވޮލީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމަށާއި މި މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ކުޅޭނެ ކަމަށެވެ.

މިނިސްޓަރު ޒަމީރު މެޗު ބައްލަވާލައްވަނީ - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އަދި ކުޅުމުގައި ކުޅުންތެރިން އަހުލާގު ހިފަހައްޓައި ނަމޫނާ ކުޅުމެއް ކުޅުމަށް ލަތީފް ވަނީ ކުޅުންތެރިންގެ ކިބައިން އެދިފައެވެ.

އަދި މި މުބާރާތަށް ރިސޯޓްތަކުން ދޭ އެއްބާރުލުމާއި ތަރުހީބު ފާހަގަކޮށް އޭނާ ވަނީ މުބާރާތުގައި ބައިވެރިވާ ހުރިހާ ރިސޯޓަކަށް ޝުކުރު އަދާކޮށްފައެވެ.