އިނގިރޭސި ފުޓުބޯޅައިގެ މައި އިދާރާއިން ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައަށް ހާއްސަަ އިސްކަމެއްދޭން ޖެހޭ ކަމަށާއި އެ ސަރަހައްދުން މޮޅެތި ކުޅުންތެރިން ހޯދަން މަސައްކަތްކުރަން ޖެހޭކަމަށް އިނގިރޭސި ކޯޗު ގެރެތް ސައުތްގޭޓް ބުނެފިއެވެ.

ސައުތްގޭޓް ފާހަގަކުރާ ގޮތުގައި މުޅި ދުނިޔޭގެ ފުޓުބޯޅައިގައި ވެސް އެންމެ ބޮޑަށް އަޅާނުލެވޭ ބަޔަކަށް ވެފައިވަނީ ދެކުނު އޭޝިއާގެ ފުޓުބޯޅަ ކުޅުންތެރިންނެވެ.

އިނގިރޭސީންނަކީ އެކި ބައްރުތަކުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް އެ ގައުމުގެ ރަށްވެހިކަން ދިނުމަށްފަހު އެ ގައުމުގެ އެކި އެކަޑަމީތަކުން އުފަންކުރާ ކުޅުންތެރިންނެވެ. މިހާރުވެސް އިނގިރޭސި ގައުމީ ޓީމުގައި އެގޮތަށް ގެނައި ކުޅުންތެރިން ހިމެނެއެވެ.

ސައުތްގޭޓް ބުނީ ދެކުނު އޭޝިއާގެ ފުޓުބޯޅަ ކުޅުންތެރިންނަށް ފާރަލާންޖެހޭ ކަމަށާއި އެ ކުޅުންތެރިން ސްކައުޓް ކުރާނެ މީހުންވެސް ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އެ ކުޅުންތެރިން އެ ބައްރުގެ އެކި ގައުމުތަކުން ހޯދަންވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ސައުތްގޭޓް ބުންޏެވެ. އަދި ފުޓުބޯޅައިގައި ދެކުނު އޭޝިއާއިން ފުޓުބޯޅައިގެ ތަރިން ނުފެންނާތީ އެ ކަންބޮޑުވުން އޮތްކަމަށްވެސް ސައުތްގޭޓް ބުންޏެވެ.

އިނގިރޭސި އާބާދީގެ 7 އިންސައްތައަކީ ދެކުނު އޭޝިއާގެ ނަސްލުތަކަށް ނިސްބަތްވާ މީހުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެ ގައުމުގެ އާބާދީގައި ހިމެނޭ ދެކުނު އޭޝިއާގެ ނަސްލުތަކަށް ނިސްބަަތްވާ މީހުންގެ ތެރެއިން ޕްރޮފެޝަނަލް ފުޓުބޯޅައިގައި ހަރަކާތްތެރިވަނީ އެންމެ 0.25 އިންސައްތަ މީހުންނެވެ.

"ދެކުނު އޭޝިއާ ސަރަހައްދުގެ ކުޅުންތެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ކުރިމަތިވޭ އެހެން ހިސާބުތަކުގެ ކުޅުންތެރިންނާއި އަޅާބަލާއިރު، އެހެންކަމުން އިނގިރޭސި ފުޓުބޯޅައިން އެބަޖެހޭ އެ ސަރަހައްދަށް ސަމާލުކަމެއް ދޭން، އަންނަން އޮތް ޖީލުގެ ފުޓުބޯޅަ ތަރިން ދެކުނު އޭޝިއާއިން އުފަންވުމަކީ ނުވާނެކަމެއް ނޫން" ސައުތްގޭޓް ބުންޏެވެ.