ބޮޑެތި ޓީމުތަކެއް ގުޅިގެން ބާއްވަން މަސައްކަތްކުރި ޔޫރަޕިއަން ސުޕަ ލީގުގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ލީގުގައި ބައިވެރިވާން ނިންމި ކުލަބުތަކާއި ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް މެޑްރިޑުގެ ކޯޓަކުން ބުނެފިއެވެ.

މި ލީގު ބާއްވަން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އިއުލާނުކުރީ ދުނިޔޭގެ ފުޓުބޯޅައިގެ ވަރުގަަދަ ބާރުތަކާއެކު އެވެ. އެއީ ތިން ލީގަކުން ޖުމްލަ 12 ޓީމަކާއެކު އެވެ. ނަަމަވެސް އެންމެ ފަހު ވަގުތު ތިބީ ތިން ޓީމެވެ.

ޔޫރަޕިއަން ސުޕަ ލީގުގައި މިހާރު ތިބި ތިން ޓީމަކީ ބާސެލޯނާ، ޔުވެންޓަސް، ރެއާލް މެޑްރިޑް އަދި ބާސެލޯނާ އެވެ. އެހެން ހުރިހާ ޓީމެއް ވަނީ ވަކިވެފައެވެ. ވަކިވި ޓީމުތަކަކީ އިނގިރޭސި ހަ ކުލަބު ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީގެ އިތުރުން އާސެނަލް އާއި ލިވަޕޫލް އަދި ޓޮޓެންހަމް އާއި ޗެލްސީގެ އިތުރުން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި އިޓަލީގެ އޭސީ މިލާނާއި އިންޓަމިލާނެވެ.

މެޑްރިޑުގެ ކޯޓުން ނިންމި ނިންމުމުގައިވާ ގޮތުން ސުޕަ ލީގު ކުރިޔަށްގެންދިއުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ. މި ނިންމުމާއި ގުޅިގެން މިހާރު ސުޕަ ލީގުގައި ހިމެނޭ ތިން ޓީމު ކަމަށްވާ ބާސެލޯނާއާއި ޔުވެންޓަސް އަދި ރެއާލް މެޑްރިޑް ވަނީ އެއް ވަގުުތެއްގަައި ކަހަލަ ގޮތަކަށް ބަޔާާނެއް ނެރެފައެވެ.

މި ތިން ބަޔާނުގައި ވެސް ވަނީ ދާދި އެއްކަހަލަ ވާހަތަކެކެވެ. އެގޮތުން މިއީ ސުޕަ ލީގު ކުރިޔަށްދިއުމަށް އެޅުނު ބޮޑު ފިޔަވަޅެއް ކަމަށާއި ލީގު ކުރިޔަށްގެންދެވޭނެ ގޮތެއް ބެލުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރާނެ ކަމަށް ބުނެފައިވެއެވެ. އަދި ސުޕަ ލީގު ކުރިޔަށްދާނީ ހިއްސާދާރުންގެ ރުހުން ލިބިގެން ކަމަށާއި މިއީ ފުޓުބޯޅައިގެ މުސްތަގުބަލަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް މި ބަޔާންތަކުގައި ބުނެފައިވެއެވެ.

ޔުއެފާއިން ވަނީ ސުޕަ ލީގުގައި ބައިވެރިވި ކުލަބުތަކަށް އަދަބުދީފއެވެ. އެގޮތުން ސުޕަ ލީގުން ފަހުން ވަކިވި ހުރިހާ ޓީމެއް އެކުވެގެން 13.4 މިލިއަން ޕައުންޑް ދައްކަން އަންގާފައިވެއެވެ. އަދި ޔުއެފާގެ އެހީތައް އެއް ސީޒަނުގެ ތެރޭގައި ފަސް އިންސައްތަ ކުޑަކުރަން ނިންމާފައިވެއެވެ. އަދި ކުރިޔަށްއޮތް ތަނުގައި މިފަދަ ކަންކަމުގައި ބައިވެރިވެއްޖެ ނަމަ 100 މިލިއަން ޕައުންޑުގެ ބޮޑު ޖޫރިމަނާއެއް ކުރާނެކަމުގެ އިންޒާރުދިނެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން މިގޮތަށް ޖޫރިމަނާކުރުމުގެ އެއްވެސް ހައިސިއްޔަތެއް ޔުއެފާގެ ނެތެވެ. އެއީ އެ ކުލަބުތަކުން ކުރީ ގާނޫނާއި ހިލާފު ކަމަކަށް ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    "ޔޫރަޕިއަން ސުޕަ ލީގުގައި މިހާރު ތިބި ތިން ޓީމަކީ ބާސެލޯނާ، ޔުވެންޓަސް، ރެއާލް މެޑްރިޑް އަދި ބާސެލޯނާ އެވެ. އެހެން ހުރިހާ ޓީމެއް ވަނީ ވަކިވެފައެވެ."

  2. ނާނަކަޓާ

    މެޑްރިޑް ކޯޓުން ނިންމީ ވަރައް ރަނގަޅު ނިންމުމެއް ޔުއެފާ އަކައްވެސް އެއްވެސް ކުލަބަކައް ބިރެއް ނު ދެއްކޭނެ މިހާރު ހަ ދަންވީ ގޮތަކީ ހުރިހާ ބޮޑެތި ކުލަބްތަކުން ޗެމްޕިއަންސް ލީގު ނުކުޅެންވީ އެއިރުން ހުންނާނީ ޔުއެފާއައް ރާކަނިމަސް ކެވިފަ