ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން ހަމަޖައްސައިފި އެވެ.

އެފްއޭއެމުން މި މަގާމު ސުޒެއިންއަށް ދިން އިރު އޭނާ އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ރާއްޖޭގެ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމުގައެވެ. ގައުމީ ޓީމު އެންމެފަހުން ކުޅުނު ކޮލިފައިން މެޗުތަކުގައި ސުޒެއިން މަސައްކަތްކޮށްފައިވަނީ އެސިސްޓަންޓް ކޯޗުގެ ގޮތުގައެވެ.

ސުޒެއިން އާއެކު ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމުގެ ކޯޗިން ސްޓާފުންވެސް އެފްއޭއެމުން ވަނީ ހަމަޖައްސާފައެވެ. މި މަގާމު ހަވާލުކޮށްފައިވަނީ ދެ ކޯޗުންނަށެވެ. އެއީ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް އަދި މުހައްމަދު ޝާހިދު (ޝާޑު) އެވެ.

މިއީ ރާއްޖޭގެ 23 އަހަރުންދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަޤާމާއި ސުޒެއިން ހަވާލުވި ދެވަނަ ފަހަރެވެ. އޭނާ ވަނީ މީގެކުރިން 2007 ވަނަ އަހަރުވެސް ރާއްޖޭގެ 23 އަހަރުންދަށުގެ ގައުމީ ކޯޗުކަން ކޮށްފައެވެ.

ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމު އެންމެ އަވަހަށް ތައްޔާރުވަނީ އަންނަ މަހު ބާއްވާ 23 އަހަރުންދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންއެވެ. މި މެޗުތައް ކުރިޔަށްދާނީ އޮކްޓޯބަރު 27 އިން ފަށައިގެން 31 ގެ ނިޔަލަށެވެ. މުބާރާތުގައި ރާއްޖެ ލައްވާލާފައިވަނީ ގްރޫޕް ސީގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެމެނީ އަފްގާނިސްތާނާއި ބަހްރޭން އަދި އިރާގު އެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ބަހްރޭނާއި ދެކޮޅަށް ކުޅޭނީ އެ މަހުގެ 29 ވަނަ ދުވަހު އެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި އަފްގާނިސްތާނާއި ވާދަކުރާނީ 31 އެވެ.

ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ. ކޮލިފައިން ކުރިޔަށްދަނީ ޖުމްލަ 11 ގްރޫޕަކާއެކު އެވެ. ކޮންމެ ގްރޫޕަކުން އެއްވަނައަށް ދާ ޓީމަކަށް 23 އަހަރުންދަށުގެ އޭއެފްސީ ކަޕަށް ކޮލިފައިވާނެ އެވެ.