ކްރިޕްޓޯކަރަންސީ ޕްލެޓްފޯމެއް ކަމަށްވާ ބްލެކްޗެއިން އިން ވަގަށް ނަގާފައިވާ 260 މިލިއަން ޑޮލަރުގެ ކްރިޕްޓޯކަރަންސީ އަނބުރާ ރައްދުކޮށްދީފައި ވާނެ ކަމަށް ވައްކަން ކުރި މީހުން ބުނެފިއެވެ.

ޕޮލީ ނެޓްވޯކް އިން ބުނީ އެނެޓްވޯކްގެ ހެކަރުން ވަގަށް ނެގި ކްރިޕްޓޯކަރަންސީތައް އޭގެ ވެރިންނަށް މިހާރު ރައްދުކޮށްދީފައި ވާނެ ކަމަށެވެ. ރައްދު ކޮށްދިން ކްރިޕްޓޯކަރަންސީގެ އަގު 260 މިލިއަން ޑޮލަރަށް އެރި ނަމަވެސް އަދިވެސް ޕޮލީ ނެޓްވޯކް އިން ވަގަށް ނެގި ކްރިޕްޓޯކަރަންސީގެ ތެރެއިން 353 މިލިއަން ޑޮލަރުގެ ރައްދުކޮށްނުދީ ހުންނާނެ ކަމަށް ވެސް ޕޮލީ ނެޓްވޯކް އިން ބުނެއެވެ.

ހެކް ކޮށްގެން އެތައް މިލިއަން ޑޮލަރެއްގެ ޑިޖިޓަލް ކަރަންސީ ވަގަށް ނެގި ހެކަރުން ބުނެފައި ވަނީ އެކަން ކުރީ މަޖަލަކަށް ކަމަށާއި އެމީހުންގެ ޝައުގުވެރިކަން ފައިސާއަށް ނެތް ކަމަށެވެ. ހެކް ކޮށްގެން ހޯދި ފައިސާގެ ތެރެއިން ބާކީ ހުރި ފައިސާ ރައްދު ކޮށްދޭނެކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި މިހާތަނަށް ބުނެފައެއް ނުވެއެވެ.

ޑިޖިޓަލް ފައިސާ ގަނެ އިންވެސްޓް ކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ހެކަރުންގެ އަތްދަށަށްދާ ފައިސާގެ އަދަދުތައް ވެސް އަންނަނީ އިތުރުވަމުންނެވެ. އިންވެސްޓްމަންޓް ދެގުނަ ކޮށްލުމުގެ ބޭނުމުގައި ހެކަރުންގެ މަޅިފަތީގައި ޖެހި އެތައް ބައެއްގެ އަތުން އެތައް ހާސް ޑޮލަރެއްގެ ފައިސާ ދަނީ ގެއްލެމުންނެވެ.

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ކްރިޕްޓޯކަރަންސީތައް ރައްދު ކޮށްދީފައި ވާއިރު މިދުވަސްވަރަކީ އަނެއްކާވެސް ކްރިޕްޓޯކަރަންސީގެ މުސްތަގުބަލާއި މެދު ބޮޑެތި ބަހުސްތަކެއް ހިނގަމުން އަންނަ ދުވަސްވަރެކެވެ. ކްރިޕްޓޯކަރަންސީގެ އެންމެ މަޝްހޫރު ބާވަތް ކަމަށްވާ ބިޓްކޮއިންގެ އަގު ވެސް ދާދިފަހުން ވަރަށް ބޮޑަށް ވެއްޓުމަަށް ފަހު މިހާރު އަނެއްކާ ވެސް އަންނަނީ އަގު އުފުލެމުންނެވެ.