ޗައިނާ މީހުންނަށް އޮންލައިންކޮށް ޓްރޭޑް ކުރާ މަޝްހޫރު ޕްލެޓްފޯމްތައް ނުހޯދޭ ގޮތަށް ވަގުތީ ގޮތުން ބްލޮކްކޮށްފިއެވެ.

ބައިނޭންސް ފަދަ މަޝްހޫރު އޮންލައިން ޓްރޭޑިންގް ޕްލެޓްފޯމްތައް ޗައިނާގެ އިންޓަނެޓް ބޭނުންކުރާ މީހުން ހޯދަން މަސައްކަތް ކުރުމުން ހޯދައެއް ނުދެއެވެ. ކޮއިންޑެސްކް ފަދަ މީޑިއާތަކުން މި ބްލޮކްގެ ވާހަކަ އަންނަނީ ރިޕޯޓު ކުރަމުންނެވެ.

ބައިނޭންސް އަކީ ދުނިޔޭގެ އެންމެ ބޮޑު ކްރީޕްޓޮ ޕްލެޓްފޯމްއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ޕްލެޓްފޯމުގެ ޓްރޭޑިންގް ވޮލިއަމްއަކީ 30 ބިލިއަން ޑޮލަރެވެ.

ދާދި ފަހުން ޗައިނާ ސަރުކާރުން ވަނީ ކްރީޕްޓޮ މައިންކުރުމާއި ޓްރޭޑް ކުރުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފައެވެ. އެޕްރީލް މަހު ބިޓްކޮއިން މާ ބޮޑަށް މަތީގައި އުޅެނިކޮށް ޗައިނާ ސަރުކާރުން އެކުލަވާލި އައު އުސޫލުތަކުގެ ސަބަބުން ބިޓްކޮއިން ވަނީ 45 އިންސައްތައަށް ދަށަށް ގޮސްފައެވެ.

ޗައިނާ ސަރުކާރުން ކްރިޕްޓޮކަރަންސީ ގާނޫނުތަކަށް ހަރުކަށިކަމެއް ގެންނަމުން ދަނީ 2017 ވަނަ އަހަރުން ފެށިގެންނެވެ. ސަރުކާރުގެ އަމާޒަކަށް ވެފައިވަނީ ކެޕިޓަލް އައުޓްފްލޯސް ކޮންޓްރޯލްކުރުމެވެ. ޗައިނާގެ ބިޓްކޮއިން އިންވެސްޓަރުން މިދިޔަ އަހަރު 1.1 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައިވެއެވެ.

މިދިޔަ މަހު ޗައިނާގައި ބިޓްކޮއިން މައިންކުރުމާއި ޓްރޭޑް ކުރުން މަނާކުރުމާއެކު ކްރީޕްޓޮއާ ގުޅުންހުރި މީސް މީޑިއާ ޕްލެޓްފޯމްތަކުގެ އެކައުންޓުތައް ވެސް ވަނީ ބްލޮކް ކޮށްފައެވެ.

މިދިޔަ މަހު ޗައިނާގެ ސްޓޭޓް ކައުންސިލުން ވަނީ އެ ގައުމުގައި ކްރީޕްޓޮކަރަންސީ ބޭނުންކުރުން ނިމުމަކަށް ގެނައުމަށް ފިޔަވަޅުތަކެއް އަޅާނެކަމަށް ވައުދުވެފައެވެ. ރިޕޯޓުތައް ބުނާގޮތުން ޗައިނާގެ ބޮޑެތި ކުންފުނިތަކުން ވަނީ ކްރީޕްޓޮ އާއި ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ބޭން ކުރަން ނިންމާފައެވެ.