ފަރުބަދައެއްގެ އަޑީގައި ބިޓްކޮއިން ސިޓީއެއް ތަރައްގީ ކުރެއްވުމަށް އެލް ސެލްވެޑޯގެ ރައީސް، ނަޔިބް ބުކެލޭ ނިންމަވައިފިއެވެ.

އެލް ސަލްވަޑޯގެ ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ކޮމްޕިއުޓަރުތަކަށް ބާރު ދިނުމަށް ޖިއޮތަރމަލް ހަކަތަ ބޭނުންކުރެވިދާނެ ފަދަ އަލިފާން ފަރުބަދައެއްގެ އަޑީގައި "ބިޓްކޮއިން ސިޓީ" އެއް ބިނާކުރެއްްވުން ކަމަށެވެ.

ގާނޫނީ ގޮތުން ބިޓްކޮއިން ބަލައިގަންނަގޮތް ހެދުމަށް ދުނިޔޭގައި އެންމެ ފުރަތަމަ މަސައްކަތްކުރެއްވި ރައީސް ނަޔިބް ބުކެލޭ ވިދާޅުވީ، މި ސިޓީ ބިނާކުރަން ނިންމަވާފައު ވަނީ އެލް ސަލްވަޑޯގެ ސްޓްރެޓޯވޮލްކެނޯއެއް ކަމަށްވާ ކޮންޗަގުއާ ސްޓްރެޓޯވޮލްކެނޯގެ ވަށައިގެން ކަމަށެވެ.

މިކަން ރައީސް ބުކެލޭ ހާމަކުރައްވާފައި ވަނީ އެގައުމުގައި ބިޓްކޮއިން އިސްތިހާރު ކުރުމަށް ބޭއްވެވި ހަފްލާއެއްގައެވެ. އަދި އަންނަ އަހަރު ދޫކުރާ ސަރުކާރުގެ ބޮންޑުތަކުން އެކަމަށް ފަންޑް ކުރައްވާނެ ކަމަށް ރައީސް ބުކޭލޭ ވިދާޅުވިއެވެ.

މީގެ އިތުރުން، ބޮންޑު ދޫކުރާތާ ދެ މަސް ދުވަހުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކްރިޕްޓޯކަރަންސީ ގާނޫނީ ގޮތުން ހުއްދަކުރި ފުރަތަމަ ގައުމަކަށް އެލް ސެލްވެޑޯ ވަނީ ވެފައެވެ. އެގައުމުގައި ކްރިޕްޓޯކަރަންސީ ހުއްދަ ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހު ހުއްދަކޮށްފައިވާއިރު، އެގައުމުގެ ވިޔަފާރިތަކަށް ފައިސާގެ ގޮތުގައި ބިޓްކޮއިން ބަލައިގަންނަށް މަޖުބޫރުވެއެވެ. މިއާއި އެކު އެގައުމުގައި އަންނަނީ ބިޓްކޮއިން ޑޮލަރަށް ބަދަލުކުރާ 200 އަށް ވުރެ ގިނަ އޭޓީއެމް މެޝިން ބަހައްޓަމުންނެވެ. މިކަމާއި ދެކޮޅަށް އެގައުުމުގައި މުޒާހަރާ ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އެލް ސެލްވެޑޯ ސަރުކާރުން މިބޮޑު ބަދަލު ގެނައި އިރު ޗައިނާ ފަދަ ގައުމުތަކުން ކްރިޕްޓޯކަރަންސީއާ ދެކޮޅަށް ގިނަ ގަވާއިދުތަކެއް އަންނަނީ ހަދަމުންނެވެ.