ބޮރޫޝިއާ މޮންޗެންގްލަޑްބެޗް އާއި ވާދަކޮށް ޖަރުމަނު ލީގު ހުޅުވި މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އެއްވަރުވެގެން ނިމިއްޖެ އެވެ.

އާ ކޯޗު ނާގަލްސްމަން ގެ އިރުޝާދުގެ ދަށުން ކުޅުނު ބަޔާން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިއީ ނާގަލްސްމަން ގެ ކޯޗުކަމުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

މޮންޗެންގްލަޑްބެޗް ގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ވެސް އެޓީމުންނެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ލާސް ސްޓިންޑަލް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ އެލްސާނާ ޕްލޭ އެވެ. މިއީ ސީޒަން ހުޅުވި މެޗެއްގައި ބަޔާން ނޫން ޓީމަކުން ފުރަތަމަ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މެޗުގައި ބަޔާން މިއުނިކް އިން އެއްވަރުކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށެވެ. މި ލަނޑު ޔޮޝުއާ ކިމިޗް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޮސްކީ އެވެ. މިއީ ލީގު ހުޅުވި މެޗެއްގައި ލެވަންޑޮސްކީ ވިިދިވިދިގެން ލަނޑު ޖެހި ހަތް ވަނަ ސީޒަނެވެ.

މި ލަނޑަށްފަހު ވެސް ބަޔާން އަށް ލީޑުނަގާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އަނެއް ޓީމަށްވެސް ހަމަ މިގޮތަށް ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗަށްފަހު ނާގަލްސްމަން ބުނީ ލީގުގައި ކުރިޔަށްހުރި މެޗުތަކުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށާއި ލީގު ހުޅުވި މެޗުން ފެނުނީ ވަރަށް އާދައިގެ ކުޅުމެއް ކަމަށެވެ. އަދި ޖުމްލަކޮށް މި މެޗުގައި ކުޅުންތެރިން ކުރި ހިތްވަރަށް ތައުރީފުކުރާ ކަމަށްވެސް ކޯޗު ބުންޏެވެ.

ބަޔާން މިއުނިކް އެންމެ އަވަހަށް ދެން މެޗެއް ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ. ޖަރުމަނު ސުޕަ ކަޕުގައި އެ ޓީމު ބައްދަލުކުރާނީ ޑޯޓްމަންޑް އާއެވެ.