ފްރެންޗް ލީގުގައި އަންނަ އާދީއްތަ ދުވަހު ރެއިމްސް އާއި ދެކޮޅަށް ޕެރިސް ސެއިންޓް ޖާމަަން (ޕީއެސްޖީ) ކުޅޭ މެޗުގައި ލިއޮނަލް މެސީ ފެނިދާނެކަމަށް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ބާސެލޯނާއިން ޕީއެސްޖީއަށް މެސީ ބަދަލުވީ ކުޑަ އަގެއްގައެވެ. އޭނާ ޕީއެސްޖީއަށް ބަދަލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ކުލަބުގެ އާމްދަނީ ބޮޑުތަން އިތުރުވެފައިވެއެވެ. ހާއްސަކޮށް މެސީގެ ޖާރޒީއަށް އޮތް ޑިމާންޑު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

އެންމެ ފަހުން ބްރެެސްޓް އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައިވެސް މެސީ ނުފެނެއެވެ. އޭގެކުރިން ބައެއް މީޑިއާތަކުން ވަނީ މެސީ ފެނިގެންދާނެ ކަމަށް ބުނެ ރިޕޯޓުވެސް ކޮށްފައެވެ. މެސީ ޕީއެސްޖީއާއި ގުޅުނުފަހުން މިހާތަނަށް އެ ޓީމު ދެ މެޗެއް ކުޅުނެވެ. ކޯޗު ޕޮޗެޓީނޯ ވެސް ވަނީ އަވަސް އަރުވާލައިގެން މެސީ ބޭނުންނުކުރާނެ ކަމަށް ބުނެފައެވެ.

މިމަހުގެ 29 ވާ އާދީއްތަ ދުވަހު ކުޅޭ މި މެޗުގައި މެސީއާއި އެކު ޔޫރޯގެ މޮޅު ކުޅުންތެރިޔާ ކަމަށް އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ ވެސް ފެނުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.

އީއެސްޕީއެން އާޖެންޓީނާ އާއި ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ ބުނީ މި ނިމުނު ހަފްތާއަކީ މެސީގެ ކަންކަން ރަނގަޅަށް ދިޔަ ހަފްތާއެއް ކަމަށާއި ކަންކަން ރަނގަޅަށް ދާނަމަ އަންނަ އާދީއްތަ ދުވަހު ރެއިމްސް އާއި ދެކޮޅަށް ކުޅޭ މެޗުން މެސީ ފެނުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ޕޮޗެޓީނޯ ބުނީ އާޖެންޓީނާ ގައުމީ ޓީމުން މެސީ ބޭނުންވެއްޖެ ހިނދެއްގައި އޭނާ ނުހުއްޓުވާނެ ކަމަށާއި ކަންކަން ނިންމުމުގެ ބާރު އޮންނާނީ މެސީގެ އަތްމަތީގައި ކަމަށެވެ. ކޯޗު މިހެން ބުނީ އަންނަ މަހު ފަށާ ކޮލިފައިންގެ މެޗުތަކުގެ ސަބަބުންނެވެ.

ނިމިގެންދިޔަ ޓްރާންސްފަރ ބާޒާރުގައި ޕީއެސްޖީން ވަނީ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިލޭ އެއްބަސްވުމުގެ ދަށުން ގެނެސްފައެވެ. އެއީ ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ނެދަލޭންޑްސްގެ ކެޕްޓަން ޖިއޮޖީނިއޯ ވައިނަލްޑަމް އާއި އިޓަލީގެ އެއްްވަނަ އަދި ޔޫރޯގެ މޮޅު ކުޅުންތެރިޔާ ޖިއަންލުއިޖީ ޑޮނަރުއްމާ ފަދަ ކުޅުންތެރިންނެވެ.