އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން އާސެނަލް 2-0 ގެ ނަތީޖާއަކުން ބަލިކުރިއިރު ސައުތެމްޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް 1-1 އިން އެއްވަރުވެއްޖެ އެވެ.

އާސެނަލް އަތުން ޗެލްސީ މޮޅުވި މެޗުގައި އެ ޓީމަށް މި ސީޒަނުގައި އަލަށް ގުޅުނު ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ވަނީ ކުޅެފައެވެ. މި މެޗުގައި އޭނާ ވަނީ ޗެލްސީ ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު ޖަހާފައެވެ.

މިއީ އާސެނަލް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ލީގަށް އަލަށް ޕްރޮމޯޓުވި ބްރެންޓްފޯޑް އަތުން ވަނީ ބަލިވެފައެވެ. އަނެއްކޮޅުން މިއީ ޗެލްސީ ހޯދި ދެވަނަ މޮޅެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ކްރިސްޓަލް ޕެލަސް އަތުން 3-0 އިން މޮޅުވެފައެވެ.

އާސެނަލްގެ ދަށް ޑިފެންސްލައިނުން މި މެޗުގައިވެސް މާބޮޑު ކުރިއެރުމެއް ނުފެނެއެވެ. އޭގެ ފައިދާ ނަގައިގެން ޗެލްސީން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ފުރަތަމަ ލަނޑު ޖަހާފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި ޖޭމްސް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. މި ލަނޑަށްފަހު ވެސް އާސެނަލްގެ ކިބައިން ފެނުނީ ނެގިމަޑުވެފައި ތިބިތަނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 35 ވަނަ މިނެޓުގައި މޭސަން މައުންޓް ތަނަވަސްކުރި ފުރުސަތަކުން ޖޭމްސް ވަނީ ޗެލްސީގެ ދެވަނަ ލަނޑު ޖަހާފައެވެ.

މި ނަތީޖާއާއެކު އެންމެ ބޮޑަށް އަސަރުކުރާނީ އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އަށެވެ. ރިޕޯޓުތައް ބުނާގޮތުން އާސެނަލުން ވަނީ އޭނާ ކޯޗުކަމުން ވަކިކުރުމުގެ މަޝްވަރާތައް ފަށާފައެވެ. އެއީ ނަތީޖާތަކަށް ބަދަލެއް ނާންނާތީއެވެ.

ޔުނައިޓެޑުން ލަނޑު ޖެހުމަށްފަހު އުފާފާލުކުރަނީ

ސައުތެމްޓަން އާއި ޔުނައިޓެޑް އެއްވަރުވި މެޗުގައި އެންމެ ފުރަތަމަ ލަނޑުޖެހީ ސައުތެމްޓަން އެވެ. މެޗުގެ 30 ވަނަ މިނެޓުގައި ފެނިގެންދިޔަ މި ލަނޑަކީ ޔުނައިޓެޑުގެ ފްރެޑް ފައިގައި ޖެހިގައި ބައިކޮޅަށް ވަން ލަނޑެކެވެ. ޔުނައިޓެޑުން މެޗުން ބަލިނުވެ ސަލާމަތްކޮށްދިން ލަނޑު ކާމިިޔާބުކޮށްދިނީ މޭސަން ގްރީންވުޑް އެވެ. އެއީ މެޗުގެ 30 ވަނަ މިނެޓުގައެވެ.

ޕްރިމިއަރ ލީގުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް އިން ވަނީ އެ ޓީމުގެ ކޯޗު ނޫނޯ ކުރިން ކޯޗުކޮށްދިން ވުލްވްސް ބަލިކޮށްފައެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު ޓޮޓެންހަމް ކާމިޔާބުކުރީ 1-0 އިންނެވެ.